އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ މެމްބަރުން އިސްތިއުފާ ދޭ ސަބަބު ހޯދަން ދިރާސާއެއް ކުރަން ފަށައިފިއެވެ.

ޑަބްލިޔުޑީސީ މެމްބަރުން ދައުރު ހަމަނުކޮށް މަގާމުން އިސްތިއުފާ ދޭ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުންނާއި އިލެކްޝަން ކޮމިޝަން އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައެކެވެ.

އެ ކަންބޮޑުވުން އޮއްވައި ސަރުކާރުގެ ފަރާތުން ވަނީ އަހަރަކު އެއް ފަހަރު ބައި-އިލެކްޝަން ބޭއްވޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ. ލާމަރުކަޒީ ކޮމިޓީން ވަނީ އެ ބިލް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.

މަޖިލީހުގެ މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ހުޅުމާލޭ ދާއިރާގެ މެމްބަރު، ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވަނީ ޑަބްލިޔުޑީސީގެ މެމްބަރުން އިސްތިއުފާ ދެމުންދާ މައްސަލަ ހޯދުމަށް ލާމަރުކަޒީ ކޮމިޓީން ދިރާސާއެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ނިޔާޒު ވިދާޅުވެފައިވަނީ ދިރާސާގެ މަސައްކަތުގެ ތެރެއިން ޑަބްލިޔުޑީސީ ކޮމިޓީން މެމްބަރުން އިސްތިއުފާ ދޭ ބައެއް ސަބަބުތައް ދެނެގަނެވިފައިވާ ކަމަށެވެ.

"އެބޭފުޅުންގެ ޝަކުވާއަކީ ތިމަންނާމެން އެހާ ބުރަކޮށް މަސައްކަތް ކޮށްގެން އެވަރުގެ އިންތިހާބަކާ ކުރިމަތިލައިގެން އައިމަ ތިމަންނާމެންނަށް ލިބެން ޖެހޭނީ ޕާޓް ޓައިމް މުސާރައެއް ނޫނޭ. މި ކޮމެޓީތަކުގެ މެމްބަރުންނަށް ވިހެއިމާ ލިބޭ ޗުއްޓީއެއް ނުލިބޭ. ރޯދަ އިނާޔަތެއް ނުލިބޭ،" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވެފައިވަނީ ޑަބްލިޔުޑީސީގެ މެމްބަރުން އިސްތިއުފާ ދޭ ސަބަބުން ފާއިތުވި ދެ އަހަރުގެ ތެރޭގައި 30 އަށްވުރެ ގިނަ ބައި-އިލެކްޝަން ބާއްވާފައިވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުން ޑަބްލިޔުޑީސީގެ މެމްބަރުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމުން އިސްތިއުފާދޭ މައްސަލަ ހައްލުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މީގެ ކުރިން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އެ ކޮމިޓީގެ މެމްބަރުން އިސްތިއުފާ ދެއްވާ މައްސަލައަކީ ކަންބޮޑުވުން ހިމެނޭ ކަމެއް ކަމަށެވެ.

ފުއާދު ވިދާޅުވެފައި ވަނީ ކޮމިޓީގެ މެމްބަރަކު އިސްތިއުފާ ދެއްވުމުން ގާނޫނުގައި ބުނާ މުއްދަތުގައި ބައި-އިލެކްޝަން ބާއްވަން ޖެހޭ ކަމަށެވެ. ގާތްގާތުގައި ޑަބްލިޔުޑީސީގެ މެމްބަރުން އިސްތިއުފާ ދެމުންދާތީ ބައި-އިލެކްޝަންތަކަށް ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން މަޖިލީހާއި އެލްޖީއޭގެ ކަންބޮޑުވުމަކީ ވެސް ބައި-އިލެކްޝަންތައް ބޭއްވުމަށް ދާ ހަރަދު ބޮޑުވުމެވެ.