ނޮވެމްބަރު 3 ގެ ހަމަލާއާ ގުޅުވައިގެން ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން ބަލައެއް ނުގަނެވޭނެ ކަަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިގޮތަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އިއްޔެ ފާހަގަކުރި ނަސްރުގެ ދުވަހަކީ "ބިރުވެރި ސިއްކަގެ ދުވަސް" ކަމަށް ވިދާޅުވެ، ސިއްކަ އަހުމަދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާތީއެވެ.

ސިއްކަގެ ދިފާއުގައި ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިއްކަ އަހުމަދަށް މި މައްސަލަައިގެ ހައްޔަރުގައި އަނިޔާކޮށް މަރުގެ ތުންފަންމައްޗަށް ގެންދިޔަ ކަމަށާއި އެ ހާލަތުގައި އޭނާ ލައްވައި ނެގި އިއުތިރާފުގެ ބަޔާނަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.

"ނޮވެމްބަރު 3 ގެ ހަމަލާގައި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން އެއްގޮތަކަށްވެސް ބަލައެއް ނުގަނެވޭ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބައްޕަ، ސިއްކަ އަހުމަދަކީ 3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ބައިވެރިވި ކަމުގެ ކުށަށް އިއުތިރާފުވުމުން ރާއްޖޭގެ ހައިކޯޓުން 12 އޮގަސްޓު 1989ގައި 15 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ މީހެކެވެ. ނަމަވެސް ހުކުމް ތަންފީޒުކޮށް ނިމުމުގެ ކުރިން ކުރީގެ ރައީސް މައުމޫން ވަނީ އޭނާ މިނިވަން ކޮށްފައެވެ.

ހައި ކޯޓުން ސިއްކަގެ މައްޗަށް ހުކުމް ކުރީ ނޮވެމްބަރު ތިނެއްގެ ހަމަލާގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބި، ދިވެހިރާއްޖެ ދިވެހި ވެރިކަމުގެ ބާރުން ނެއްޓިދާ ފަދަ ގޮތަކަށް އަމަލުކުރުމުގައި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާވައިގެން ހިންގި ކަންތައްތަކުގެ މައުލޫމާތު ސިއްރުކޮށްގެން ހުރިކަމަށާއި އަދި އެކަމުގައި ލުތުފީއަށް އެހީވިކަން އޭނާ އިއުތިރާފުން ސާބިތުވެފައިވާތީއެވެ.