އދ. ގެ މޫސުމާ ބެހޭ ކޮންފަރެންސް ނުވަތަ ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިސްރަށް ފުރާވަޑައިގެންފިއެވެ.
މިސްރަށް ވަޑައިގެންފައިވަނީ އަވަށްޓެރި ސްރީ ލަންކާގެ ވަފުދުގެ މެމްބަރުންނާ އެކުއެވެ. ކޮޕް27 ގައި އެމަނިކުފާނު ތަމްސީލުކުރައްވާނީ އަވަށްޓެރި ސްރީ ލަންކާއެވެ.
ނަޝީދަކީ ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ކްލައިމެޓް އެޑްވައިޒަރެވެ. އެ މަގާމަށް ރައީސް ނަޝީދު އައްޔަން ކުރެއްވީ ނޯވޭގެ ކުރީގެ މިނިސްޓަރު އެރިކް ސޮލްހައިމްއާ އެކުގައެވެ.
ނަޝީދުގެ މި ދަތުރުފުޅުގައި މިސްރުގައި ބާއްވާ ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް އިވެންޓް، "ޕޭވިން ދަ ބްލަޑް ފްރޮމް ވަލްނަރެބިލިޓީ ޓު ޕްރޮސްޕެރިޓީގައި" ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާން ޖެހޭ ޕްލޭންތައް އެކުލަވާލުމުގައި ގައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ މި އިވެންޓަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން އިންތިޒާމްކުރާ އިވެންޓެކެވެ.
ނަޝީދު މިސްރަށް ކުރައްވާ ދަތުރުފުޅުގައި ސީވީއެފް، ވީ20 އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާނެއެވެ.
މި ސަމިޓުގައި ރާއްޖެ ތަމްސީލުު ކުރައްވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ނައިބު ރައީސް ފައިސަލްވެސް ވަނީ މިއަދު މިސްރަށް ފުރާވަޑައިގެންފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި ކޮންފަރެންސްގައި ނައިބު ރައީސް ގައުމީ ބަޔާން އިއްވަވާނެ ކަމަށާއި އަދި ކޮޕް27ގެ މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މިއަހަރު ބާއްވާ ކޮޕް 27 އިންތިޒާމު ކުރަނީ މިސްރުގެ ސަރުކާރުންނެވެ. މި ސަމިޓަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި އެކަށީގެންވާ ގޮތެއްގައި މާލީކަންކަން ފަހިކުރުންފަދަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅާ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާގޫޅޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.
މި ސަމިޓްގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، ގިނަ އަދަދެއްގެ ނެގޯޝިއޭޓަރުންނާއި ސަރުކާރުތަކުގެ މަންދޫބުންނާއި ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު