ކޮވިޑްގެ ލޮކްޑައުން ތެރެއިން އެންމެ މަޝްހޫރުވި ސޯޝަލް މީޑިއާ އެޕްލިކޭޝަނަކީ ކުލަބް ހައުސް އެވެ. ކުއްލިއަކަށް ދިވެހިންގެ ތެރޭގައި މަޝްހޫރުވި ކުލަބް ހައުސްގެ އެކި އެކި ރޫމްތަކުގައި ސަތޭކައިން މަތީގައި އަބަދުވެސް މީހުން އޭރު ތިބެއެވެ.
ލައިނޯ.. (އަސްލުނަމެއް ނޫން) އަކީ އޭރު ސުރީލަންކާގައި ދިރިއުޅެމުންދިޔަ މީހެކެވެ. ކުއްލިއަކަށް މާ ދަންނަ އަޑެއްހެން ހީވެގެން ރަނގަޅަށް އަޑު އަހާލުމުން ޔަގީންވީ ލައިނޯވެސް ކުލަބްހައުސްގެ ފޯރީގައި ޖެހިފައިވާ ވަރެވެ. ދިވެއްސަކަށްވާތީ ސުރީލަންކާގައި ހުރެގެންވެސް ލައިނާ ދިޔައީ އެކި އެކި ރޫމްތަކުގައި މަޖާ ވާހަކަތައް ކިޔައިދެމުންނެވެ. ފަހުން އެކުވެރީނާއެކު މުނިފޫހިފިލުވަދޭ ރަސްމީ ވެބްސައިޓެއްވެސް ހެދިއެވެ. ގިނައިން ގެނެސްދެނީ ފިލްމީ ދާއިރާގެ މުނިފޫހި ފިލުވައިދޭ ވާހަކަ ތަކެއެވެ. ކުލަބް ހައުސްއާއެކު އުފެދުނު ގާތްކަމާއި ލިބުނު އާ ހިޔާލުތަކުގައި ފެއްޓި ވިޔަފާރިތައްވެސް މަދެއް ނޫނެވެ. އެއީ ބައެއް މީހުންނަށް ކުލަބްހައުސް ވީ ވަރަށް ބޮޑު ނެޓްވޯކިން ޕްލެޓްފޯމަކަށް ކަމަށްވާތީ އެވެ.
ދިއްދޫ ކުރިމަގު ކިޔާ ރޫމަން ހއ.ދިއްދޫގެ އެކިއެކި ކަންކަމާ މެދުވެސް އެދުވަސްވަރު ގިނަ ބަހުސް ތަކެއް ކުރިއެވެ. ހަފުތާއަކު ދެ ރޭ ހާއްސަ މެހުމާނުން ލައިގެން ގެނެސްދިން ގިނަ ޕުރޮގުރާމް ތަކަކީ އޭރު ދިއްދޫގެ ގިނަ ރައްޔިތުންގެ ބައިވެރިވުން ލިބުނު އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާ ތަކެއް ވެސް ކުރިކަމެކެވެ. ކުލަބް ހައުސްގެ ދިއްދޫ ކުރިމަަގު ހިންގި ފަރާތުން މިހާރުވަނީ އެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓުރީ ކޮށް ރަށާއި މުޅި ރާއްޖޭގެ އެކި އެކި އިޖުތިމާއީ ހަރަކާތް ތަކުގައި ބައިވެރިވާން ފަށާފައެވެ. އެ ގޮތުން ރާއްޖޭގެ ހުރިހާ ސުކޫލްތަކަކަށް ބިއްލޫރި ފުޅި ހަދިޔާ ކުރުމުގެ ބޮޑު ޕުރޮގުރާމެއް މިދެންނެވި ކުލަބް ހައުސްގެ ތެރެއިން ފަށައި، ދިއްދޫ ކުރިމަގު ޖަމިއްޔާއިން މިހާރުވެސް އެދަނީ ހިންގަމުންނެވެ.
ދެން އޮތީ ކުލަބް ހައުސްގެ ފޯރި އެންމެ ގަދަކޮށްލި ސިޔާސީ ވާހަކަ ތަކެވެ. ކަންނާޑި ރޫމްގެ އެކި އެކި ވާހަކަ ތަކުގެ ތެރެއިން ޝާފިއު އަކީ ކާކުކަން ޔަގީން ނުކުރެވި އުފެދުނު ސުވާލުތައް އަދިވެސް ހަނދާން ހުންނާނެއެވެ. ބައެއް ފަރާތްތަކުން އަދިވެސް ގަބޫލު ކުރަނީ ޝާފިއުގެ ނަމުގައި ބައެއް ފަހަރު ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި ކަމަށެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް އެއްބަސް ނުވެ ޓުވިޓާގައި އަނެއް ދިވެހި ރާއްޖެ ސިއްރުން ނުވަތަ ނުރަސްމީ ޓުވީޓާއެއްގެ ގޮތުގައި ގެންގުޅުއްވި ރައީސް ނަޝީދު މަޖިލިިސް ރައީސްގެ ހައިސިއްޔަތުން ކުބަލް ހައުސްގައި ބައިވެރިވެވަޑައިގެން، އާސްކް ސްޕީކަރ ފުރަތަމަ ވައިގައި ހިއްޕާލީވެސް ކުލަބް ހައުސްގެ ތެރެއިންނެވެ.
ކޮވިޑްގެ އާލަމީ ވަބާގައި ދިވެހިން ބެދި ލޮކްޑައުންގައި އެންމެން ތިބި މާޔޫސީ ދަނޑިވަޅުގައި އެހެން އެއްވެސް ސޯޝަލް މީޑިއާއަކަށްވުރެ ކުލަބް ހައުސްގެ އަޑުތަކުން ލިބުނު އުފާވެރިކަން މާ ބޮޑެވެ. ގިނަ ބަޔަކަށް ރައްޓެހިންގެ އަޑު އިވުމުން ލިބޭ އުފާ ފޭސްބުކުން ފެންނަ ފޮޓޯއަކަށްވުރެ ނުވަތަ ޓުވީޓާއިން ކޮށްލާ ޓުވީޓަކަށްވުރެ އެތައް ގުނައެއް މަތިކަން ޔަގީނެވެ. އެހެން ނަމަވެސް ސުވާލަކީ ކޮވިޑް ނިމި ލޮކްތައް ހުޅުވުމުން ކުލަބް ހައުސްއަށް މިވީ ކިހިނެއް ހެއްޔެވެ.
ނޮޓިފިކޭޝަނެއް އައުމުން މިއަދު އޮޅިގެން އަނެއްކާވެސް ކުލަބް ހައުސްއަށް ވަދެވުނެވެ. އެހެން ނަމަވެސް އަޑުއިވުނީ މޫސާ އަންވަރު ފޮނުވަމުންދިޔަ ލަވައެކެވެ. ބައެއް ރޫމްތަކުގައި މަދު މީހުންކޮޅެއް ތިބި ނަމަވެސް ލޮކްޑައުން ތެރެއިން ސަތޭކައިން މީހުން ތިބި ރޫމްތައް ފެންނަށް ނެތުމުން ހިތަށް އެރިއެވެ. ދިވެހިން ވާނީ ހަމަ ދިވެހީންނަށެވެ.