އައްޑޫ ސިޓީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން ހިންދޫ ދީނުގެ އަޅުކަމެއް ކުރި މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހަށް ހުށަހަޅައިފިއެވެ.

އައްޑޫ މަގުތަކުގެ މަސައްކަތް ކުރަމުންދަނީ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިއާ އެފްކޮންސް ކުންފުނިންނެވެ. އިއްޔެ އައްޑޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެ ކުންފުނީގެ މުވައްޒަފުން ހިންދޫ ދީނުގެ ޝިއާރެއް ފާޅުކޮށް، އަޅުކަން ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ މައްސަލަ ބަލައި ދިނުމަށް އެދި ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ، އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަޝްރޫއެއްގައި އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެހެންދީނެއްގެ ޝިއާރެއް ފާޅުކޮށްފައިވާތީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެކަން ކުށްވެރިކުރައްވައި އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށެވެ.

"ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ ނުވަވަނަ މާއްދާގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިއާރު ފާޅުކުރުމާއި އާންމު ތަންތާންގައި ޖަމާއަތް ހަދައިގެން އެފަދަ ދީނީ ހަރަކާތްތައް ހިންގުމާއި އެމީހުންގެ އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެ،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ރާއްޖެއަކީ އިސްލާމީ ގާއުމަކަށްވާއިރު، އެހެންދީނެއްގެ ޝިއާރެއް ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. ރާއްޖޭގައި ތަފާތު މަޝްރޫއުތައް ކުރިއަށްގެންދާއިރު، ރާއްޖެއިން ބޭރުގެ ފަރާތްތައް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ކަމާގުޅުންހުރި ފަރާތްތަކަށް މިނިސްޓަރު ޑރ. ޒާހިރު ގޮވާލައްވާފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަ ދެމެހެއްޓުމަށްޓަކައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަކީ ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަމަށެވެ.