މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަދ. ހަންޏާމީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ހަންޏާމީދޫގެ ބަނދަރުގެ މަސައްކަތް އެެއްކޮށް ނިމިފަައިވާ ކަމަށާއި އެ ރަށުގައި ޒަމާނީ ރީތި ބަނދަރެއް ތަރައްގީވެގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމަށެވެ.

އެމްޓީސީސީން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން އެ ކުންފުނިން ވަނީ 6،363 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 204 މީޓަރުގެ ސަރަހައްދެއްގައި

ބޭރުތޮށި ލުމާއި 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކޮށްފައެވެ. އަދި 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 1،330 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި ޖެޓީއެއް ހެދުމާއި މޫރިން ބޮއެ އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ކޮށްފައެވެ.

ހަންޏާމީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 32.50 މިލިއަން ރުފިޔާއަށް 300 ދުވަހުން ނިންމާ ގޮތަށެވެ.