ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ނަމަވެސް ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް، ބްރޯޑްކާސްޓް ކޮމިޝަނުން ގެނައި ބަދަލުގެ ސަބަބުން ވާދަވެރި ވިޔަފާރިއަށް ހުރަސް އެޅި މޮނިޕޮލީއެއް އުފެދުމަށް ފުރުސަތު ހުޅުވޭނެ ކަމަށް އުރީދޫން ބުނެފިއެވެ.

އޫރީދޫއިން މިހެން ބުނީ، ސަތޭކަ ޕަސެންޓް ދިވެހި ކުންފުނިތައް ނޫން ބަޔަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓް ނުކުރެވޭގޮތަށް ގެނައި ބަދަލާ ގުޅިގެން، ދިރާގާއި އުރީދޫފަދަ ކުންފުނިތަކަށް އެ ފުރުސަތު ގެއްލި، މީޑިއާނެޓަށް އެދާއިރާ މޮނޮޕޮލައިސް ކުރުމުގެ ފުރުސަތު ލިބޭތީ އެކަން ބަލައިދިނުމަށް މަޖިލިސް މެމްބަރަކު، މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ ކުންފުނީގެ އިސްބޭފުޅުން ހާޒިރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑީވްސްގެ ބޯޑް ޑިރެކްޓަރު ދީނާ ހުސެއިން ވިދާޅުވީ، ރީބްރޯކާސްޓް ކުރުމުގެ ލައިސަންސް ހޯދުމުގެ މަސައްކަތް 2019 ގައި ފަށާފައިވާ ކަމަށެވެ. ނަމަވެސް ބްރޯޑްކޮމްއިން ގަވާއިދު ބަދަލު ކޮށްފައި އެވަނީ، ކޮވިޑާ ގުޅިގެން އެމަސައްކަތް މަޑުޖައްސާލާފައިވަނިކޮށް ކަމަށެވެ.

ދީމާ ވިދާޅުވީ، ރީ ބްރޯޑްކާސްޓް ކުރުމުގެ ގަވާދަށް ގެނެސްފައިވާ ބަދަލަކީ ކަންބޮޑުވާ ބަދަލެއް ކަމަށެވެ. އަދި އެއީ ގާނޫނަށްވުރެ މަތިން ގެނެސްފައިވާ ބަދަލެއް ކަމަށާއި އެގޮތަށް ކަންކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިޔަފާރީގެ ވާދަވެރިކަން ފުޅާ ކުރަން މަޖިލީހުގެ ގާނޫނުތައް ހަދަމުންދާ އިރު، ގަވާއިދަށް ގެނެސްފައިވާ އެ އިސްލާހަކީ މޮނޮޕޮލީއެއް އުފެދިގެންދާނެ އިސްލާހެއް ކަމަށްވެސް ވިދާޅުވިއެވެ.

"ގާނޫނުތައް ހެދެމުންދަނީ ކޮމްޕެޓިޝަން ފުޅާވާގޮތަށް. ނަމަވެސް ގަވާއިދަށް ގެނައި އެ ބަދަލުން އެއޮތީ މޮނޮޕޮލީއެއް ކްރިއޭޓްވާގޮތަށް، ގަބޫލެނުކުރެވޭ އެއީ ރަގަޅުގޮތް ކަމަކަށް،"

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ، ވާދަވެރި ދިރާގާ އެއް ހަމައެއްގައި ވިޔަފާރީގެ ވާދަވެރިކަން ބާއްވަން ބޭނުންވާތީ ރީބްރޯޑްކާސްޓު ކުރުމަކީ އެ ކުންފުންޏަށްވެސް މުހިއްމު ކަމެއް ކަމަށެވެ.

"އައިއެސްޕީ ސާވިސް ޕްރޮވައިޑާއެއްގެ ގޮތުން ޓީވީ، އިންޓަނެޓް، ޓެލެފޯނީ، މި ހުރިހާ އެއްޗެއް މިއިންނަނީ އެއް ޕެކޭޖެއްގެ ގޮތުގައި، އަޅުގަނޑުމެންގެ އެހެން އޮޕަރޭޝަން ތަކުގައި ވެސް މިހުރިހާ އެއްޗެއް އެއްކޮށް ސާވިސްއެއްގެ ގޮތުގައި މިދެނީ، އަޅުގަނޑުމެންގެ ގަތަރު ހެޑްކުއާޓާގައިވެސް ހަމަ އުރީދޫ ޓީވީގެ ނަމުގައި އެބައިނދޭ ސާވިސްއެއް ދީފަ،" ނިޔާޒު ވިދާޅުވިއެވެ.