ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި ހުންނެވި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީއަށް ފިޔަވަޅު އަޅައިދެއްވުމަށް އެދިވަޑައިގެން މިނިސްޓަރު އައިޝަތު ނަހުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޝިމާޒަށް ފިޔަވަޅު އަޅައިދިނުމަށް އެދި ނަހުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީ ފޮނުއްވީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

ޝިމާޒަށް ފިޔަވަޅު އަޅައިދޭން އެދުނީ އޭނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއްގައެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް މިނިސްޓްރީން ބަލަދަމުންދާއިރު، ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިން ކަމަށް ތުހުމަތުވާ މައްސަލަތަކެއްވެސް ހިމެނެއެވެ.

އެނގިފައިވާ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޝިމާޒަށް ތުހުމަތު ކުރެވޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ހުށަހަޅައިފައެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ހޯދަން "ވަން" އިން މަސައްކަތްކުރި ނަމަވެސް އެކަން އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދަށް "ވަން' އިން ގުޅުމުން ވިދާޅުވީ މިނިސްޓަރުން ސިޓީ ފޮނުވިޔަސް އެކަން އެ އޮފީހުން ހާމަނުކުރާނެ ކަމަށާއި އެކަމަށް އެއްވެސް ކޮމެންޓެއް ނެތް ކަމަށެވެ.

އޭސީސީން މީގެ ކުރިންވެސް ވަނީ ޝިމާޒާ ގުޅޭ މައްސަލަތަކެއް ބަލައި، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަންބަރު ޕްލޭޓު ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަސާޖިއޯ ކިޔާ ކުންފުންޏަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލައަކާއި ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދީގެން ނާޖާއިޒު ފައިދާ ހޯދަމުންދާ މައްސަލައެއްވެސް ހިމެނެއެވެ.

ނަމަވެސް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ އެ މައްސަލަތައް ވަނީ އަނބުރާ އޭސީސީއަށް ފޮނުވާލައިފައެވެ.