ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ބޮޑުތިލަދުންމަތީގައި އިތުރު ހަ ރިސޯޓް ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާއިރު ބޮޑުތިލަދުއްމަތީގައި ޓޫރިޒަމް އެނދު އިތުރުކުރުމަށް ގެންގުޅޭ ޕްލޭނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްދުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މައުސޫމް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ހދ. ދިއްޕަރުފުށި އަދި ހދ. ނާގޯށީގެ ފުރަތަމަ ފޭސް ހުޅުވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އިތުރު ހަތަރު ރިސޯޓު ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެއީ ހއ. ބެރިންމަދޫ، ށ. ހުރަސްފަރު، މާއިންފަރު އަދި ކަބާލިފަރު ކަމަށާއި އޭގެ އިތުރުން ހއ. ކެލާ، ހއ. އުތީމު، އަދި ހއ، ވަށަވަރުގައި ކުރިއަށްގެންދާ ހޮޓާ ރިސޯޓު ނިމި 404 އެނދު ތައާރަފުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ހއ.، ހދ. އަދި ށ. އަތޮޅުގައި ރިސޯޓު، ހޮޓާ އަދި ގެސްޓުހައުސްތަކުން ފަތުރުވެރިކަމަށް 1،724 އެނދު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އޮޕަރޭޝަނަށް ގެނެސްފައިވަނީ 1،524 އެނދު ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު