ސަތޭކަ ޕަސެންޓް ދިވެހި ކުންފުނިތައް ނޫން ބަޔަކަށް ރީ ބްރޯޑްކާސްޓް ނުކުރެވޭ ގޮތަށް، ރީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް، ބްރޯޑްކާސްޓިން ކޮމިޝަނުން ގެނައި އިސްލާހާ ގުޅިގެން ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެންފިއެވެ.
ބްރޯޑްކޮމް އިން އެގޮތަށް ގަވާއިދު ބަދަލުކޮށްފައި ވަނީ މީޑިއާނެޓަށް އެދާއިރާ މޮނޮޕޮލައިޒް ކުރެވޭގޮތަށް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ ނައިފަރު ދައިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.
ސިޔާމުގެ ގަރާރުގައި ވަނީ ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިންގެ ހިދުމަތް ނުދެވޭ ގޮތަށް ގަވާއިދު ހެދީ، މީޑިއާނެޓާ ވާދަކުރާ ދިރާގުން އެ ވިޔަފާރިން ބޭރުކުރުމަށް ކަމަށެވެ. މިހާރު އޮތް ގަވާއިދާ ގުޅިގެން 2023 ގެ ޖެނުއަރީން ފެށިގެން ދިރާގުގެ ލައިސަންސް ބާތިލުވާނެއެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަތީ، އެވަގުތު މަޖިލިސް ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 28 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ ގަރާރު ބަލައި ނުގަތުމަށް އަށް މެމްބަރުން ވޯޓު ދެއްވިއެވެ.
ގަރާރު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށްޓަކައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ އާއި ގަވާއިދު ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީއަކަށް ފޮނުވަން ރިޔާސަތުން ނިންމެވިއެވެ.
މި ގަރާރުގައި ބުނެފައި ވަނީ ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީ ބްރޯޑްކާސްޓިން ހިދުމަތް ނުދެވޭ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވައިދަކީ މީޑިއާނެޓް ކުންފުންޏާ ވާދަކުރާ ދިރާގު، އެ ވިޔަފާރިން ބޭރުކުރުމަށް ގާނޫނާ ހިލާފަށް ހެދި ގަވާއިދެއް ކަމަށެވެ.
އެ ގަރާރުގައި ވަނީ ތަފާތުކުރުމެއް ނެތި ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށާއި ރީބްރޯޑްކާސްޓް ކުރުމުގެ ވިޔަފާރީގެ ވާދަވެރިކަން ހަލާކުކޮށްލަން ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު