ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ފިލްމީ ތަރި މޫސާ މަނިކު (ރީކޯ މޫސަ) އަނެއްކާވެސް ފިލްމީ ދާއިރާއަށް ނުކުންނަން ނިންމައިފިއެވެ.
ރީކޯ މޫސަ ފެނިގެން ދާނީ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ "ލަސްވިޔަސް" ފިލްމުންނެވެ.
ޓެޑްރީ ވަނީ ރީކޯ މޫސައާއެކު އިއްޔެ ކުރިއަށްގެންދިޔަ "ލަސްވިޔަސް" ގެ ޝޫޓިންގެ ބައެއް ފޮޓޯތައް ފޭސްބުކްގައި ހިއްސާކޮށްފައެވެ. އެ ފޮޓޯތަކާއެކު ކުރި ޕޯސްޓެއްގައި ޓެޑްރީ ބުނީ، އޭނާ ފުރަތަމަ ޑައިރެކްޓްކުރި ފިލްމު 1994ގެ "ދެރިޔާ" އަށް އެތައް އަހަރެއް ފަހުން އަލުން އަނެއްކާވެސް "ލަސްވިޔަސް" ގައި މޫސައާ އެކީ މަސައްކަތް ކުރެވިއްޖެ ކަމަށެވެ.
"ލަސްވިޔަސް" އިން މޫސައަށް ދީފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނިޔާވި އެކްޓަރު ހަސަން މަނިކު (ކޮއްޔަ) ކުޅެން އޮތް ރޯލެވެ. ފިލްމީ ދާއިރާއަށް ގިނަ ދުވަސްތަކެއްވަންދެން ހިދުމަތްކޮށްދެއްވާފައިވާ ކޮއްޔަ ހަސަން މަނިކު ނިޔާވީ އުމުރުން 67 އަހަރުގައި ކޮވިޑަށް ފަރުވާ ހޯއްދަވަމުންގެންދަވަނިކޮށެވެ.
"މޫސަ އާއި ހަސަން އަކީ އެމީހުންގެ މެދުގައި ވަރަށް ޒަމާންވީ ގާތް އެކުވެރި ރަހުމަތްތެރިކަމެއް އޮތް ދެމީހުން. ހަސަން ނެތުމުގެ ހުސްކަން މި ފިލްމުގައި ފޫބައްދަން އެންމެ އެކަށޭނަ ފަންނުވެރިޔަކީ މޫސަ. ޝުކުރިއްޔާ މޫސަ،" ޓެޑްރީގެ ބުނެފައިވެއެވެ.
"ލަސްވިޔަސް"ގެ ޝޫޓިންއާ ގުޅޭ ގޮތުން މޫސަ "ވަން" އަށް މިއަދު ވިދާޅުވީ، ޝޫޓިން އަދިވެސް ނުނިމޭ ކަމަށާއި ދުވަސްތަކަކަށް ފަހު ފިލްމެއް ކުޅެލަން ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފުރުސަތު ލިބޭ ވަރަކުން ފިލްމުތަކުން ފެންނާނެ ކަމަށް ވިދާޅުވިއެވެ.
މޫސަގެ ފުރަތަމަ ފިލްމަކީ 1990 ވަނަ އަހަރު ރިލީސްކުރި "އިއްތިފާގް" އެވެ. މޫސަ އެންމެ ފަހުން ފެނިފައި ވަނީ 2011 ވަނަ އަހަރު ކޮއްޔަ ހަސަން މަނިކު ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރި "އެ ބައްޕަ" ގެ ހާއްސަ ފެނިލުމަކުންނެވެ.
ރީކޯ މޫސައަށް ވަނީ ގައުމީ ފިލްމު އެވޯޑްސްގައި 1996 ވަނަ އަހަރު ފިލްމު "ހައްގު" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި 1998 ގައި "ފަތިސް ހަނދުވަރުން" އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިލައްވައިފައެވެ.