މިހިނގާ 2022 ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްދިން ބަޖެޓު ފޫބެއްދުމަށް އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި، ބަޖެޓުގައި 5.8 ބިލިއަން ރުފިޔާ ހިމަނުއްވާފައިވަނީ ގާނޫނުތަކުގައި އެކަން ކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ މި އަހަރަށް 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ނަމަވެސް މި އަހަރުގެ ބަޖެޓް ފޫބެއްދުމަށް 2023 ވަނަ އަހަރުގެ ބަޖެޓުގައި 5.8 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މިއަހަރުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް މިހާރު ހުންނާނެ ކަމަށް އަންދާޒާކުރަނީ 42.8 ބިލިއަން ރުފިޔާގައި ކަމަށްވެސް ވިދާޅުވިއެވެ.
"ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ މަޖިލީހުން ފާސްކޮށްފައިވާ މިންވަރަށްވުރެ ހަރަދު އިތުރު ކޮށްގެންނުވާނެ ކަމަށް. ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރަނީ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާ ނަމަ އެ ގާނޫނުގައި ބުނެވިދިޔަ މާއްދާގައި ދައުލަތުގެ ބަޖެޓް ތައްޔާރުކުރުމަށް ބަޔާންކޮށްފައިވާ ގޮތަށް ސަޕްލިމެންޓްރީ ބަޖެޓް ތައްޔާރުކޮށް އެ ފައިސާއެއް ނުވަތަ އެ ބަޖެޓެއް ބޭނުންވާ ދުވަހުގެ އެއް މަސް ދުވަސް ކުރިން މަޖިލީހަށް ހުށަހަޅަންވާނެއޭ، އެހެންވީމާ 2022 ވަނަ އަހަރަށް މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓުގެ މިންވަރަށްވުރެ 5.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވެ އެކަން 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނުއްވާފައިވާއިރު އެ ބަޖެޓުގައި 2022 ވަނަ އަހަރަށް ބޭނުންވާ ސަޕްލިމެންޓްރީ ބަޖެޓެއް ހިމެނޭނެގޮތެއް އަލުގަނޑަކަށް އަދިއެއް ނުފެނޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މި އަހަރު އިތުރަށް ހަރަދުކުރަން 5.8 ބިލިއަން ހިމަނާފައިވީ ނަމަވެސް އެކަމަށް ބޭނުންވާ ސަޕްލިމެންޓްރީ ބަޖެޓް އަދިވެސް މަޖިލީހަަށް ހުށަހަޅާފައިނުވާ ކަމަށެވެ.
"މިހާތަނަށް އައި އިރު، މިއީ ނޮވެމްބަރު މަސް، ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި 5.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރައްވާނެ ކަމަކަށް އަޅުގަނޑަށް އަންދާޒާއެއް ނުކުރެވޭ، އެހެންވީމާ އަޅުގަނޑަށް މި ފެންނަނީ މިހާތަނަށް އައިއިރު މަޖިލީހަށް ހުށަހުއްވައި ފާސްކުރުމެއް ނެތި، އިތުރަށް ހަރަދުކުރަން އުޅޭތަން. އެ އިތުރުވާ މިންވަރުގެ ތެރެއިން ކިހާ މިންވަރެއް ހަރަދު ކުރައްވާފައިވާ ކަންވެސް ސާފުވާކަށް ނެތް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މަޖިލީހުގެ ކަންތައް ހިނގަމުންދާނީ މަޖިލިސް މެންބަރުން އެދިވަޑައިގަންނަވާ ގޮތުގެމަތިން ކަމަށެވެ. ނަމަވެސް "ސަރުކާރުން ހުށަހަޅުއްވާ ބިލުތަކާއި ބަޖެޓާއި ގަރާރާއި މިބާވަތުގެ ކަންކަން ގާނޫނީ އޮނިގަނޑުގެ ތެރެއިން ނުހިންގޭނަމަ ދުވަހުން ދުވަހަކަށް މަޖިލީހުގެ އަތުން ކަންކަން ގެއްލެމުންދާ މިންވަރު ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު