ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތާއި ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއަށް އެ ދެ މަޝްރޫއު ހަވާލުކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ.

އެމްޓީސީސީން ބުނީ ނޭކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 366 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ. އަދި 15 މޫރިން ބޮއެ ހަރުކުރުމާއި 10 މީޓަރުގެ ދިގު، ނުވަ މީޓަރު ފުޅާ ރޭމްޕެއް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމާއި 1859 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

ޕްލޭނިން މިނިސްޓްރީން ނޭކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 47.62 މިލިއަން ރުފިޔާއަށް 365 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

އެމްޓީސީސީން ބުނީ އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 360 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 66.15 މިލިއަން ރުފިޔާއަށް 220 ދުވަހުން ނިންމާ ގޮތަށެވެ.

ނޭކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އާއި އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.