ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު ބަންދުކުރުމުގެ މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
އަރުޝަދާއި އިތުރު ބަޔަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ގެންގުޅެ އަދި ޓްރެފިކްކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިންއާއި ހަތަރު ގުރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ އޮޕަރޭޝަންގައި ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ހޯދި އިރު، އެ މައްސަލައާ ގުޅިގެން 31 ޖަނަވަރީ 2020ގައި އަރުޝަދު ހައްޔަރުކުރިއެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގައި ދައުލަތުން އޭނާގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތެއް ނުވިއެވެ. އެހެންކަމުން މި ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ ކޯޓުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އޭނާ ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރެއް ނެރެދިނުމަށް ދައުލަތުން ހުށަހެޅިއެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން ހައިކޯޓުން ކުރާ މަސައްކަތަކީ އަރުޝަދު އެ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް ކަމުގައިވާތީ، ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިފައިވާ އަމުރު އެ ހިނދަށް ނެރެދިނުމާމެދު މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވިފައި ނުވާކަން ފާހަގަކޮށް، ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް 6 ޖޫން 2022 ގައި ހައިކޯޓުން ޖަވާބު ދިނެވެ.
އޭގެ ފަހުން 7 ޖޫންގައި އަރުޝަދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ހައިކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކުރިއެވެ. އެ އަމުރާ ގުޅިގެން މިމަހު 10 ވަނަ ދުވަހު ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު ދޫކޮށްލިއެވެ. އެހެންކަމުން އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ނެރުނު އަމުރާ ގުޅިގެން 12 އޮކްޓޯބަރުގައި ބޭއްވި އަޑުއެހުމަށް އޭނާ ހާޒިރުވީ ބަންދުގައި ހުރި މީހެއްގެ ގޮތުގައެއް ނޫނެވެ.
ނަމަވެސް ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލަ ނިމެންދެން އަރުޝަދު ބަންދުގައި ބަހައްޓަން ދައުލަތުން 11 އޮކްޓޯބަރުގައި ދެވަނަ ފަހަރަށް އެދުނެވެ. އެކަމާ ގުޅިގެން ހައިކޯޓުން ވަނީ އަރުޝަދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ނެރެފައިވާ އަމުރާމެދު އިތުރު ގޮތެއް ނިންމޭނެ ގާނޫނީ ސަބަބެއް އެ ވަގުތު ނެތްކަން ފާހަގަކޮށް، އޭނާ ކޯޓަށް ހާޒިރުވާނޭކަން ކަށަވަރުކުރުމުގެ ގޮތުން، ވަކި ގޮތެއް އަންގަންދެން އޭނާގެ ޕާސްޕޯޓާއި ޓްރެވަލް ޑޮކިއުމަންޓް އަދި ރާއްޖެއިން ބޭރަށް ދަތުރު ކުރެވޭނެ އެ ނޫންވެސް ލިޔުމެއްވާ ނަމަ، ހައިކޯޓުން ވަކި ގޮތެއް އަންގަންދެން އެ ލިޔުންތައް ހިފެހެއްޓުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައެވެ.
އަދި އަރުޝަދު އަމަލުކުރާ ގޮތެއްގެ ސަބަބުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭނެ ކަމަށް ޕްރޮސިކިއުޝަނަށް ފެންނަ ގާނޫނީ ސަބަބުތަކާއެކު އެ ގަޒިއްޔާގެ ޝަރީއަތުގެ މަޖިލީހަށް ހުށަހަޅައިގެން އެ ނިންމުން މުރާޖައާ ކުރުމަށް ޕްރޮސިކިއުޝަނަށް ހުރަހެއް ނެތް ކަމުގައި އެ އަމުރުގައި ހައިކޯޓުން ފާހަގަކުރިއެވެ.
މި މައްސަލައަކީ ހައިކޯޓުގެ އެ ނިންމުން ގާނޫނާ ހިލާފު ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމްކުރީ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު