ދައުލަތުގެ ތިން ބާރުގެ ތެރޭގައި ކޮރަޕްޝަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިިއަދު ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން މިއަދު ފެށި އެންޓި ކޮރަޕްޝަން ކޮންފަރެސް 2022، ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ސޯލިހު ވިދާޅުވީ، ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް ހައްލުނުކުރެވި އޮތް ބޮޑު މައްސަލައެއް ކަމަށާއި އެއީ ބައްޔެއް ކަމަށެވެ. ނަމަވެސް ކޮރަޕްޝަނަށްވެސް ފަރުވާއެއް އެބައޮތް ކަމަށާއި އެއީ ޓްރާންސްޕޭރެންސީ (ދެފުށް ފެނުން ނުވަތަ ހާމަކުރުން) ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަ ހައްލުކުރަން އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެކަމުގެ ސަބަބު ދެނެގަތުން ކަމަށެވެ. ދައުލަތުގެ ނިޒާމުގެ ތެރޭގައި އެކަން ހަރުލާފައި އޮތް މިންވަރު ދެނެގަންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ދައުލަތުގެ ހިންގުމުގެ ތެރޭގައި އޮތް ތިން ބާރު، އެޑްމިނިސްޓްރޭޓިވް ބްރާންޗާއި ޖުޑީޝަރީއާއި ލެޖިސްލޭޗާ ތެރޭގައި ކޮރަޕްޝަން އެބަ ހިނގާ. ސަރުކާރުގެ އެހެން މުއައްސަސާތަކާއި އަޅުގަނޑު ކުރިން ދެންނެވިހެން ޝަރުއީ ދާއިރާއާއި ސިވިލް ސޮސައިޓީ ތެރޭގައިވެސް ކޮރަޕްޝަން އެބަ ހިނގާ. ސިއްހީ ދާއިރާއާއި ކުޅިވަރު ދާއިރާގައިވެސް އެކަން އޮތީ އެހެން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެންމެ ބޮޑު ކޮރަޕްޝަނަކީ ކޮރަޕްޝަނަށް ރުހުން ކަމަށެވެ. އަދި ކޮރަޕްޝަނަށް ހުޅުވިފައި ހުރި ޒަމާންވީ ދޮރުތައް ކުއްލިއަކަށް ބަންދުކުރަން އުނދަގޫވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކޮރަޕްޝަނަކީ ރީތިކަމެއްގެ ގޮތުގެ ނަމޫނާ ވެރީން ދެއްކުމަށްވުރެ ބޮޑު ގޯހެއް ގައުމަކަށް ނޯންނާނެ ކަމަށެވެ.