ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހަވާލު ކުރުމަށް އެދި ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި އޭނާގެ އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަށް ހޯމަ ދުވަހުގެ ކުރިން ގޮތެއް ނިންމަން އެކޯޓުން ކަނޑައަޅައިފިއެވެ.
އަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން އަންނަ ހޯމަ ދުވަހު ރާއްޖޭން ބޭރަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެކަމާ ދެކޮޅު ހަދައި އޭނާގެ ހަށިގަނޑު ހޯދުމަށް އާއިލާއިން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވައިފައެވެ.
އެ އަޑުއެހުމުގައި ދައުލަތުންވެސް ބުނީ އޭނާގެ ހަށިގަނޑު ހޯމަ ދުވަހު ރާއްޖޭން ބޭރަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅިގެން ބްދުﷲ ރަޝީދުގެ އާއިލާގެ ވަކީލު ވިދާޅުވީ އޭނާގެ ހަށިގަނޑު ރާއްޖޭން ބޭރަށް ގެންދާކަމުގެ މައުލޫމާތު އާއިލާއަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އެހެންކަމުން ހޯމަ ދުވަހުގެ ކުރިން މި މައްސަލައިގައި ގޮތެއް ނިންމަން ޖެހޭތީ ގާޒީ ވަނީ ހޯމަ ދުވަހުގެ ކުރިން އެ މައްސަލައަށް ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އޭނާގެ އާއިލާއިންނާއި އެކި ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
ޚަބަރު
ޚަބަރު