ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަބްދުﷲ ރަޝީދު މަރުވި މައްސަލައިގައި އޭނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމީ ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން ކަމަށް އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފިއެވެ.
އެންއައިސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި އިންސާފަށް ވާސިލުވުމަށް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ކަމަށެވެ.
"މި މައްސަލައިގައި އިންސާފަށް ވާސިލުވުމަށް މުހިންމު ކަމަކަށްވާތީ ތަހުގީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން މަރުހޫމް އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަން ދެންނެވީމެވެ..،" އެންއައިސީން ބުންޏެވެ.
އަބްދުﷲ ރަޝީދު މަރުވި މައްސަލައިގައި ފުލުހުންގެ އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް އެ ކޮމިޝަންގެ ގާނޫނުގެ ދަށުން އިސްވެ، ފުލުހުންނާ ގުޅިގެން ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަމަށް އެންއައިސީން ބުންޏެވެ.
ފުލުހުންނާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރިކަމުގައި ވިޔަސް ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވާނީ އެންއައިސީގެ ފަރާތުން ކަމަށާއި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަދާކުރާނީ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދައުރު ކަމަށް އެންއައިސީން ބުންޏެވެ.
މިދިޔަ އަންގާރަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގދ. ހޯނޑެއްދޫން ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވުމުން ފުލުހުންނަށް ގިނަ ތުހުމަތުތަކެއް ވަނީ ކުރިމަތިވެފައެވެ. ފުލުހުން ބުނާގޮތުން އޭނާ މެއަށް ތަދެއް އަރައި، ސީޒާއެއް ޖެހުންފަދަ އަލާމަތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި ނަމަވެސް ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ.
ނަމަވެސް އެކަމުގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އާއިލާއިން ދަނީ ބުނަމުންނެވެ. އެގޮތުން މުޅި އޮޕަރޭޝަން ފުލުހުން ކުރިއަށްގެންގޮސް ނިންމާލި އިރުވެސް އޭނާ އުޅޭ ގެ ބަލައި ފާސްކުރަން ފުލުހުން ނެގި ކޯޓު އަމުރުވެސް ދައްކާފައިނުވާ ކަމަށް އާއިލާއިން ދަނީ ތުހުމަތު ކުރަމުންނެވެ.
އަބްދުﷲ ރަޝީދުގެ އާއިލާގެ ފަރާތުން މޯޗަރީ ކައިރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުﷲ ރަޝީދުގެ އަންހެނުން އާމިނަތު ލީނާ ކިޔައިދިން ގޮތުން އޭނާގެ ހަށިގަނޑު މާލެ ގެނައީ އާއިލާއާ ހަވާލުކުރަން ކަމަށް ކުރިން ބެލެވުނަސް، އެކަމަށް އަދިވެސް ފުލުހުން ދެކޮޅު ހަދާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހަދަން ބޭނުންނުވާ ކަމަށް އާއިލާއިން ތަކުރާރުކޮށް ބުނެފައި ވަނިކޮށް، ފުލުހުންނަށް އަމިއްލައަށް އެކަން ނުކުރެވޭނެ ކަމަށާއި އެހެންވެ، ހަށިގަނޑު އާއިލާއާ ހަވާލުކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
"އެމީހުން ކުރާ ތަހުގީގެއް ކުރަން އަޅުގަނޑުމެން ހުރަހެއް ނާޅަން ދެއްތޯ. އަޅުގަނޑުމެން ބުނީ އަޅުގަނޑުމެންނާ އެއްވެސް އެއްޗެއް ހިއްސާ ނުކޮށް، އެއްވެސް އެވިޑެންސެއް ހިއްސާ ނުކޮށް، އަނދިރީގައި ބައިތިއްބާފައި ޕޯސްޓްމޯޓަމް ނުހެދޭނެއޭ. އަހަރުމެންގެ ހައްގެއް ވެސް އެބައޮތޭ،" އަބްދުﷲ ރަޝީދުގެ އަންހެނުން ލީނާ ބުންޏެވެ.
އަބްދުﷲ ރަޝީދުގެ ބޮޑުބޭބެ އަހުމަދު ޝަރީފް ބުނީ އޭނާގެ މަންމައާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ބައްދަލު ކުރި ކަމަށާއި އާއިލާއިން ނުރުހުނަސް ހަށިގަނޑުގެ ޕާސްޕޯޓަމް ހަދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހަދައިފިނަމަ، ހަށިގަނޑާ ހަވާލުވާން އާއިލާއިން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ. އަދި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތިބި ރަޝީދުގެ އާއިލާގެ ހުރިހާ މެމްބަރުންވެސް ބުނީ އެގޮތަށެވެ.
"ގެންގޮސް ފަޅާ ކުދިކޮށްފައި އަޅުގަނޑުމެން ބޭނުމެއް ނޫން ހަށިގަނޑާ ހަވާލުވާކަށް،" އޭނާ ބުންޏެވެ.
އަބްދުﷲ ރަޝީދުގެ އޭނާގެ މަންމަ މަރިޔަމް އަހުމަދު ކިޔައިދިން ގޮތުގައި މިދިޔަ އަންގާރަ ދުވަހު ހަތަރު ގަޑި އިރެއްހާއިރު ވަންދެން އޭނާ އުޅޭ ގެ ބަލައި ފާސްކުރަން ފުލުހުން ހަރަކާތްތެރިވިއެވެ. އަދި އެތަނުން އޭނާ ނެރެގެން ގެންގޮސް ފުލުހުންގެ ލޯންޗަށް އެރުވި އިރުވެސް އޭނާ މޭގައި ރިއްސާތީ އެވާހަކަ ބުނަމުން ދިޔަ ކަމަށާއި ނަމަވެސް ސިއްހީ އެއްވެސް ފަރުވާއެއް ނުދީ އަދި ރަށުގެ ސިއްހީ މަރުކަޒުން ޑޮކްޓަރަކު ގެނެސް ފަރުވާދޭން އެތަނުގެ މެނޭޖަރު ހުށަހެޅުމުން ފުލުހުން އެކަމަށްވެސް އިންކާރުކޮށް ދެ ގަޑިއިރެއްހާއިރު އެގޮތުގައި އޭނާ ބޭއްވި ކަމަށް ބުންޏެވެ.
އޭނާ ބުނިގޮތުގައި ރަޝީދަކީ ދުވަހަކު ވެސް މަސްތުވާތަކެތި ބޭނުންކުރި އަދި އެފަދަ ރެކޯޑެއް ވެސް އޮތް މީހެއް ނޫނެވެ. އެކަމަކު އޭނާ ހަށިގަނޑު މޯޗަރީގައި އޮންނަތާ ދެ ދުވަސް ވީއިރުވެސް އާއިލާއަށް އޭނާގެ މޫނު ދައްކަންވެސް ފުލުހުން ދަނީ ދެކޮޅު ހަދަމުން ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު