ލައިފް ސްޓައިލް

ބައްޕައާއި ދޮންބެގެ ފަރާތުން ދަސްވި ތެދުއުއިވަޑާމުގައި ރިޒާގެ މަސައްކަތްތައް ގައުމީ ފެންވަރުގައި

މަރިޔަމް ޝަފާ އިބްރާހިމް

"މިކަން ކުރަން ޝައުގުވެރިވި ގޮތަކީ ވަރަށްކުޑައިރުއްސުރެ، އަަބަދުވެސް ވަޑާން ކުރާ ސާމާނުތައް ގޭތެރޭގައި ހުރޭ ވަރަަކަށް. އަޅުގަނޑު ވަރަށް ކުޑައިރުންސުރެ ބައްޕަ ކުރާ މަސައްކަތް ބަލަން. މިކަމަށް ބޮޑަށް ހިތްޖެހި ކުރާހިތްވާން ފެށީ އެހެންވެ، ބައްޕަ އާއި ދޮންބެގެ ފަރާތުން މިމަސައްކަތް ފެނި އެނގުނީ. އަސްލު ފެށުނު ގޮތަކީ އެއީ."

ހދ. ނެއްލައިދޫއަށް އުފަން އުމުރުން 32 އަހަރުގެ އަބްދުﷲ ރިޒާ އޭނާގެ ހުނަރުވެރި މަސައްކަތާބެހޭ ގޮތުން "ވަން" އަށް ކިޔައިދެމުން ބުންޏެވެ. އާއިލާގެ 6 ކުދީންގެ ތެރެއިން އެންމެ ހަގު ދަރިފުޅުކަމަށްވާ، ރިޒާ އަށް ވަނީ ވަޑާން ކުރުމުގެ ހުނަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިފައެވެ. ތެދުއުއި ވަޑާމުގައި ފާހަގަ ކޮށްލެވޭ، ލޮލަށް ފެނުމުން ހިތްލެބިގެންދާ، އުފާކުރުވާފަދަ އެތައް މަސައްކަތެއް އޭނާ ވަނީ ކޮށްފައެވެ. މިހާރުވެސް އަންނަނީ ކުރަމުންނެވެ.

ގޭތެރޭގައި ބޭނުންކުރާ އެކި ބާވަތުގެ ފަރުނީޗަރާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ އެކި ބާވަތްތަކުގެ ތަކެތި އަމިއްލައަށް ފަރުމާކޮށް، ކޮށައިމަށައި، އޮފްކޮށް، ތައްޔާރުކުރާ ކުޅަދާނަ މި ވަޑި އަކީ ނެއްލައިދޫގެ ފަހުރުވެރި ދަރިއެކެވެ. އުފަންރަށުގެ މަސައްކަތްތަކާއި ރަށުން ބޭރުގެ ވަރަށް ގިނަ މަސައްކަތް ވެސް ކޮށްފައިވާއިރު، ހދ.ކުޅުދުއްފުށީ ގެ "ވައިޓަލްކެއަރ ޑެންޓަލް ކްލިކް" ގެ ހުރިހާ ފަރުނީޗަރުތަކަކީ ރިޒާގެ މަސައްކަތްތަކެވެ. ކޮންމެ ފަރާތަކުން ކޮންމެ ކަހަލަ އެއްޗެއް ތައްޔާރުކޮށްދިނުމަށް އެދުނަސް، އެކަން ވިސްނުންތެރިކަމާއެކު އެންމެ ފުރިހަމައަށް ނިންމާލުމަކީ ރިޒާގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

މިހުނަރުވެރި، އެހެނަސް ވިސްނުމާއި ތަނަވަސް ހިޔާލާއި، އުފެއްދުންތެރިކަމަށް ބޭނުންވާ މަސައްކަތް މިހާ ފުރިހަމަކޮށް ކުރުމުގައި އުމުރުގެ ބޮޑު ބައެއް ހޭދަވެގެން ގޮސްފައިވާއިރު، ހައިރާން ކުރުވަނިވި ކަމަކީ ރިޒާ މިކަމުގެ ފިލާވަޅު އުނގެނެން ދިޔަ އެދުރުގެއެއް ނޫނީ މަދަރުސާއެއް އަދި ވޯކްޝޮޕެއްވެސް ނެތްކަމެވެ. ބައްޕައާއި ދޮންބެގެ ފިޔަވަޅުގެ މަތިން، ގޭތެރޭގައި ކުރެވެމުން ދިޔަ މަސައްކަތްތަކުން އެނގުނު އެއްޗަކާއި ދަސްވި އެއްޗަކުން ކުރިއަރައިގެން އައިސް މިހާރު އެތައް ބައެއްގެ ލޯތްބާއި ތަރުހީބާއި ޔަގީންކަން ލިބިފައިވާ ރިޒާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީވެސް އޭނާގެ މަސައްކަތް ފެނުމުން ކަސްޓަމަރުން އެވާ އުފަލާއި ކަސްޓަމަރަށް ލިބިގެންދާ ހިތްހަމަޖެހުމެވެ. ރިޒާ އޭނާގެ ކާމިޔާބީކަމުގައި ދެކެނީވެސް އޭނާގެ ކަސްޓަމަރުންގެ ހިތްހަމަ ޖެހޭ ވަރަށް މަސައްކަތް ކުރެވުމެވެ.

"މި މަސައްކަތް އަތޮޅު ފެންވަރުގައި ފުޅާކޮށް ކުރުމަކީ ކުރިއަށް އޮތް މުސްތަގުބަލުގައި ކުރުމަށް ރާވާފައިވާ ބޮޑުކަމެއް. މިއީ އާމްދަނީ ހޯދަން ރަނގަޅު ނަފާވެރި މަސައްކަތެއް. ދެރައީ ބޭނުންވާ ސާމާނާއި ވަޑާމަށް ބޭނުންވާ ބައެއް މެޝިންތައް ރާއްޖޭން ލިބެން ނުހުންނާތީ."

ރިޒާގެ އުންމީދަކީ އޭނާއަށް ވަޑާމުގެ މަސައްކަތް އަތޮޅު ފެންވަރުގައި ފުޅާކޮށް ކުރެވޭނެ ގޮތެއްވެ އެކަމުގައި ކުރިއަރައިދެވޭނެ މަގުފަހިވުމެވެ. އަތޮޅު ފެންވަރުން، ގައުމީ ފެންވަރަށް، ގައުމީ އިން ބައިނަލްއަގުވާމީ، ނުވަތަ ދުނިޔޭގެ ފެންވަރަށްވެސް ދެވޭ ވަރަށް މަސައްކަތް ކުރުމުގެ ގާބިލުކަން ހުރިނަމަވެސް، ރިޒާ އޭނާގެ މުސްތަގުބަލަށް ފުރަތަމަ ރޭވުން ރާވާފައި އެވަނީ އަތްފޯރާ ހިސާބުން، ކާމިޔާބު ކުރެވޭނެ ހިސާބަކަށެވެ. ފުޅާވެގެން މުޅި ގައުމުގައިވެސް، އަދި ގައުމުން ބޭރުގައިވެސް ވިދައިގެންދާ ފަދަ ވަޑާމަކަށް ވުމަކީ ރިޒާއަށް ހެޔޮއެދޭ، ވަޑާމުގެ މަސައްކަތް ކުރިއަރަން ބޭނުންވާ ބައެއްގެ އުންމީދަކަށް ވާނެކަން ޔަގީނެވެ.

"މި މަސައްކަތް އަތޮޅު ފެންވަރުގައި ފުޅާކޮށް ކުރުމަކީ ކުރިއަށް އޮތް މުސްތަގުބަލުގައި ކުރުމަށް ރާވާފައިވާ ބޮޑުކަމެއް. މިއީ އާމްދަނީ ހޯދަން ރަނގަޅު ނަފާވެރި މަސައްކަތެއް."
އަބްދުﷲ ރިޒާ

ތެދުއުއި ވަޑާމަކީ ދިވެހީންގެ ތެރެއިން ފަނޑުވަމުން، ނެތެމުން އަންނަ މަސައްކަތެއް ނަމަވެސް މުޅިން ގެއްލި ނުގޮސް އޮތް ހިތްގައިމު، ހުނަރުވެރި މަސައްކަތެކެވެ. ފަހަކަށް އައިސް މިފަދަ މަސައްކަތް ކުރާ ދިވެހިން މަދުނަމަވެސް މިއީ ދިވެހިންގެ ތެރޭގައި ހާއްސަކަމެއް ދެވިފައި އޮތް، އެއް ޒަމާނެއްގައި މިމަސައްކަތް ކުރި މީހުން ގިނައިން ތިބި ހާއްސަ ފާހަގަ ކޮށްލެވޭ ރަށްތަކެއްވެސް އޮތް ކަމެކެވެ.

ދިވެހީންގެ މިސަގާފީ އަދި ފުރިހަމަ، އެހާމެ ހުނަރުވެރި ވަޑާމުގެ މަސައްކަތް ކުރާތަން ފެންނަކަމީ އުފާކުރަން ޖެހޭ އަދި އެފަރާތްތަކުގެ ހިތްވަރަށް ސާބަސްދޭން ޖެހޭ ފަދަ ކަމެއްމެއެވެ. ހަގީގަތުގައި ދިވެހިންގެ ތެރޭގައި މިހުނަރު ކުރިއަރުވައި މިކަން ކުރިއަށް ގެންދާނަމަ މިއީ އާމްދަނީ ހޯދުމަށް ނުހަނު ފުރިހަމަ، ފުދޭ މަސައްކަތަކަށްވާ ފަދައިން ގައުމުން ބޭރުން ބޮޑު އަގު ދީފައި މީހުން ގެނެސްގެން ބޭނުން ކުރުމުގެ ބަދަލުގައި އަމިއްލަ ގައުމުގެ އަމިއްލަފަރުދުންގެ މަސައްކަތުން އުފެއްދޭ ތަކެތީގެ ބޭނުން ހިފުމުގެ އިތުރަށް ގައުމުން ބޭރަށް ދިއްކޮށްލެވޭ ފައިސާ އަމިއްލަ ގައުމުގެ އަމިއްލަ މީހާގެ ޖީބަށް ވަންނާނެއެވެ. އަމިއްލަ ގައުމުގެ ކުރިއެރުމަކީވެސް އެއީއެވެ.

ރިޒާމެން ފަދަ މަސައްކަތްތެރީންނަށް އަޅުގަނޑުމެން ފަހުރުވެރިވާން ޖެހެއެވެ. ހިތްވަރު ދޭން ޖެހެ އެވެ. އަދި މި ފަދަ ދިވެހި މަސައްކަތްތެރީން އުފައްދައި ދާއިރާ ތަރައްގީ ކުރާން މަސައްކަތް ކުރާން ޖެހެއެވެ.