ޓެކްސް ބޮޑު ކުރުމާ ބެހޭ ބަހުސްގައި ފައިސާތައް ކަޅު ދަބަހަށް އަޅައިގެން، ޖޫހަށް ހަދައިގެން ގެއަށް ގެންދާ އެއްޗަކަށް ހަދާގޮތަށް ވާހަކަދެއްކުމަކީ ރައްޔިތުންނަށް އޮޅޭނެ ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ރައްދު ދެއްވައިފިއެވެ.

އަންނަ އަހަރުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް ކޮމިޓީ އޮފް ދަ ހޯލް ހައުސްގައި މިހާރު ކުރިއަށްދާ އިރު، އަލީ އާޒިމަކީ އެ ބިލަށް ދެކޮޅު ހައްދަވައި، ސަރުކާރަށް ފާޑު ވިދާޅުވަމުންގެންދަވާ މެންބަރެކެވެ. ނަމަވެސް ރޮޒޭ އަކީ އެ ބިލަށް ތާއީދުކުރައްވައި ވާހަކަދައްކަވަމުން ގެންދަވާ މެންބަރެކެވެ.

މިއަދުގެ ކޮމިޓީ ބަހުސްގައި ސަރުކާރަށާއި، އެ ބިލަށް ތާއީދު ކުރައްވައި ވާހަކަދައްކަވާ މެންބަރުންނަށް އަލީ އާޒިމް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޓެކްސް ބޮޑުކޮށްގެން ނިކަމެތި ރައްްޔިތުންގެ ޖީބަށް ވަންނަ ފައިސާކޮޅު ސަރުކާރުން ނަގަނީ، ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދީ، ނަރުދަމާ ގާއިމުކޮށް، މިސްކިތްތަކާއި ހެލްތު ސެންޓަރުތައް އަޅަން ނޫން ކަމަށާއި އެއީ ސަރުކާރުގެ ރިކަރަންޓް ހަރަދު ފޫބެއްދުމަށް ނަގާ ފައިސާއެއް ކަމަށެވެ. އަދި އެ ފައިސާއަކީ ސިޔާސީ ބޭނުމަށްޓަކައި ހައްދު ފަހަނައަޅާ މިންވަރަށް އަންނަ އަހަރު ކުންފުނިތަކުން ވަޒީފާ ދީ، މުސާރަ ދޭން ނަގާ ފައިސާތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ރައްޔިތުން ތަމްސީލުކުރާ މެންބަރުން މަޖިލީހުގައި ތިބިނަމަ އެ ބިލަށް ތާއީދު ނުުކުރާނެ ކަމަށެވެ. އެ ބިލަށް ތާއީދު ކުރާ މެންބަރުންނަށް ނިސްބަތްކޮށް އާޒިމް ވިދާޅުވީ، އެއީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުން ކަމަށެވެ. އަދި އެ މެންބަރުންގެ ހަމަވާ ޝަރުތުތަކެއްވެސް އޭނާ ވިދާޅުވެ ދެއްވިއެވެ.

އެގޮތުން ވިދާޅުވީ، "އެމީހެއްގެ އަނތްބެއް ނުވަތަ ފިރިއެއް ނުވަތަ ދަރިއެއް، އޭގެ ތެރެއިން ކޮންމެވެސް މީހަކަށް ކޮންމެވެސް ބޮޑު ވަޒީފާއެއް ލިބިފައި އޮންނަން ޖެހޭ، އެމީހާގެ ކުންފުންޏަށް ނުވަތަ އެމީހާއަށް ކޮންމެވެސް ބޮޑު ޕްރޮޖެކްޓެއް ލިބިފަ އޮތުން އަދި ކޯޓެއްގައި ނުނީ ފުލުހުންގެ އޮފީހުގައި، ނޫނީ އެހެންވެސް ކޮންމެވެސް ތަހުގީގީ އިދާރާއެއްގައި އޭނާގެ ކޮންމެވެސް މައްސަލައެއް ނުނިމި އޮންނަން ޖެހޭނެ، އެ މެންބަރުންނަށް މަޖުބޫރުވާނެ ރައީސްގެ މެންބަރުންގެ ގޮތުގައި ތިއްބަވަން،"

އަލީ އާޒިމަށް ރައްދުދެއްވަމުން ރޮޒެއިނާ ވިދާޅުވީ، ޓެކްސްގެ ހުރިހާ ފައިސާ ނަގަނީ، އެންމެ ނިކަމެތި މީހާގެ އަތުންނޭ ކިޔައިގެން ރައްޔިތުންނަަށް އޮޅުވާލުމަށް ވާހަކަދައްކާ އިރު، ޖީއެސްޓީ ނުނަގާ އައިޓަމްތަކަށް ބަލާއިރު، އާއްމު ގޮތެއްގައި ގެއެއްގައި ހަރަދު ކުރާނެ ހުރިހާ އައިޓަމްތަކެއް ކަހަލަ ގޮތަކަަށް ޖީއެސްޓީ ނުނަގާ ލިސްޓުގައި ހިމެނޭ ކަމަށަވެ.

އިންތިހާބެއް ބޯމަތިވެފައި ވަނިކޮށް ޓެކްސް ބޮޑު ކުރުމަކީ އެންމެ ރަނގަޅު ނިންމުމެއްތޯ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ބައެއް މެންބަރުން ސުވާލު ކުރެއްވި ކަމަށާއި އެއަށް ރައީސް ޖަވާބު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ވިދާޅުވީ ގައުމެއް އޮވެގެންނޭ ވެރިކަމެއްވެސް އޮންނާނީ. ގައުމެއް ނެތި ވެރިކަމެއްވެސް ނޯންނާނެއޭ. ތިމަންނާ ބޭނުމެއް ނޫނޭ ސްރީލަންކާއަށް ވެގެންދިޔަ ގޮތް ރާއްޖެއަށް ވާކަށް. ތިމަންނާ ނެތަސް ވެރިކަމަށް ދެން އަންނަ މީހާ އަޔަސް އަދި އެހެންމީހަކު އަޔަސް މި ގައުމު ކުރިއަށް އެބަ ދާން ޖެހެއޭ. މި ގައުމު ބަނގުރޫޓު ނުވެ އޮންނަން އެބަޖެހެއޭ. އެހެންވީމަ ކިތަންމެ އުނދަގޫ ނިންމުމެއް ވިޔަސް އަދި އިދިކޮޅު ފަރާތްތަކުންނާއި އަމިއްލަ ޕާޓީގެ ތެރެއިންވެސް ވާހަކަތައް އޮޅުވާލައިގެން ރައްޔިތުންނަށް ދައްކާނެކަންވެސް އެނގިހުރެ މި މަސައްކަތް ކުރިއަށް ގެންދެވީ އެމަނިކުފާނަށް ވެރިކަމަށްވުރެ މިގައުމު މުހިއްމު ވީމަ،" ރޮޒޭ ވިދާޅުވިއެވެ.

ޓެކްސް އިތުރުކުރަނީ އިތުރު މީހުންނަށް ވަޒީފާ ދޭން ކަމަށް ވާހަކަ ދައްކާ އިރު، އެއީ ބަނގުލަދޭޝް މީހުންނަށް ދޭ ވަޒީފާއެއް ނޫން ކަމަށާއި ދިވެހި ރައްޔިތުންނަށް ވަޒީފާ ދިނުމަކީ އެމީހާއަށް ލިބޭ މުސާރައިން އެ ގޭގޭގެ މީހުން ކައިބޮއި އުޅެން ލިބޭނެ ފައިސާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވަކިން ޕީޕީއެމް މީހާވެގެން މި ސަރުކާރުން އެއްވެސް މީހަކު ވަޒީފާއިން ވަކި ކޮށްފައި ނުވާނެ ކަމަށާއި، އޭގެ ބދަލުގައި ސިވިލް ސާވިސް އާއި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ތަކުރާރުކޮށް މިތަނުގައި ނެގެޓިވް ކެމްޕެއިން ކުރައްވައިގެން މިއުޅެނީ ބަޔަކު ފެލަން ކަމަށް ހަދައިގެން ވާހަކަ ދައްކައިގެން މި ލާރިތައް މިއީ ކަޅު ދަބަހަށް އަޅައިގެން، ޖޫހަށް ހަދައިގެން ގެއަށް ގެންދާ އެއްޗަކަށް ހަދަން އުޅުނީމަ ރައްޔިތުންނަށް އޮޅޭނެ،" ރޮޒެއިނާ ވިދާޅުވިއެވެ.

އާޒިމަށް މިގޮތަށް ރޮޒެއިނާ ރައްދު ދެއްވީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ނާއިބު ރައީސް އަހުމަދު އަދީބު އަތުން ކަޅު ދަބަހެއްގައި ފައިސާތަކެއް އާޒިމް އުފުލިކަމަށް ތުހުމަތުކުރި ވާހަކަތަކާ ގުޅުވާލައިގެންނެވެ.

އެ ދަބަސް އުފުލިކަމަށް އެއްބަސްވަމުން އާޒިމް އޭރު ވިދާޅުވެފައިވަނީ، ދަބަހުގައި ހުރީ ފައިސާ ނޫން ކަމަށާއި ދަބަހުގައި އުފުލީ ދިޔާ އެއްޗެއް ކަމަށެވެ.