އަންނަ އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި 95 މިލިއަން ރުފިޔާގެ ބަޖެޓުން ބައެއް އުނިކޮށް 93.4 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓަކީ ކުރިއަށް އޮތް އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓަށްވުރެ ކުރިން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭ ބަޖެޓެކެެވެ. އެގޮތުން އެ ބަޖެޓް ކޮމިޓީންނާއި މަޖިލިސް ތަޅުމަށް ފޮނުވައިގެން ފާސްކުރުމަށްފަހު ދައުލަތުން މަޖިލީހަށް ހުށަހަޅާ ބަޖެޓުގެ ތެރޭގައި ހިމަނާނެއެވެ.
އެގޮތުން އަންނަ އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން 95 މިލިއަން ރުފިޔާގެ ބަޖެޓެއް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. ރިކަރަންޓް ހަރަދަށް އެ ބަޖެޓުގައި ހިމަނާފައި އޮތީ 62 މިލިއަން ރުފިޔާއެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމަނާފައި ވަނީ 32.4 މިލިއަން ރުފިޔާއެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން އޮޑިޓް އޮފީހަށް ރިކަރަންޓް ހަރަދުގެ ގޮތުގައި ދީފައިވާ ސީލިންއަކީ 57.5 މިލިއަން ރުފިޔާ ކަމަށެވެ.
ނަމަވެސް އެކަމަށް 62 މިލިއަން ރުފިޔާ ހިމަނާފައިވާތީ، އޮޑިޓް އޮފީހުގެ އިސް ފަރާތްތަކާ މަޝްވަރާކުރުމުން 60.5 މިލިއަނަށްވުރެ ރިކަރަންޓް ހަރަދުގެ ބަޖެޓް ކުޑަކޮށްފިނަމަ އޮޑިޓްތައް މެނޭޖުކޮށް ކަންކަން ކުރުމަށް ގާނޫނީ ގޮތުން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބުނި ކަމަށާއި އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ މަޝްވަރާކުުރުމުން 61 މިލިއަނަށް ރިކަރަންޓް ބަޖެޓް، ބަދަލުގެނެސްދެއްވި ކަމަށް ނާޝިޒް ވިދާޅުވިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓަށް ފިނޭންސް މިނިސްޓްރީން ގެނައި އިސްލާހުތަކަށް މަޝްވަރާކުރުމަށްފަހު ފިނޭންސް މިނިސްޓްރީން އިސްލާހުކުރި ގޮތަށް ރިކަރަންޓް ހަރަދު 61 މިލިއަން ރުފިޔާ ކަމަށް ކޮމިޓީން ފާސްކުރިއެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 32.4 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައި މުޅި ބަޖެޓުގެ ގޮތުގައި އޮޑިޓް އޮފީހަށް 93.4 މިލިއަން ރުފިޔާ ދޭން ކޮމިޓީން ފާސްކުރިއެވެ.
އެއަށްފަހު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ބަޖެޓް ފޮނުވުމުން ތަޅުމުގައި އެ ބަޖެޓަށް މަޝްވަރާ ކުރުމަށްފަހު މިއަދު މަޖިލީހުން އެ ބަޖެޓް ފާސްކުރީ ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މިއަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 90.3 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު