ހުޅުލެ-ހުޅުމާލެ ގުޅޭ ލިންކު ރޯޑުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ މި މަސައްކަތަކީ ވޯލްޑް ބޭންކާއި އެންވަޔަރަމަންޓު މިނިސްޓްރީ ގުޅިގެން ހިންގާ އެކްސްލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ.

މި މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ އެންސިސް ކޯ ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "ވަން" އަށް މިއަދު ވިދާޅުވީ މި މަޝްރޫއުގައި ހިމެނޭ ފަސް މެގަ ވޯޓުގެ ސޯލާ ޕީވީގެ ތެރޭގައި ހިމެނޭ 1000 ޔުނިޓުތަކުގެ ތެރެއިން ބައެއް ކަނޑައަޅާފައިވަނީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ ފުރާޅުގައި ހަރުކުރުމަށް ކަމަށެވެ. އަދި އެމަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ މި މަޝްރޫއުގައި ހިމެނޭ ސޯލާ ޕީވީގެ ބޮޑު ބައެއް ގާއިމުކުރާނީ ހުޅުލެ–ހުޅުމާލެ ލިންކް ރޯޑުގައި ކަމަށާއި ސޯލާ ޕެނަލް ހަރުކުރުމަށް ބޭނުންވާ ސްޓީލް ސްޓްރަކްޗާ ހެދުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ލަސްވީ ކޮވިޑުގެ ހާލަތާ ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން، އެވޯޑް ކުރި ކޮންޓެރެކްޓަރަށް ރާއްޖެ އައުމަށް ހުރަސްތަކެއް ދިމާވުން ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

"ކޮވިޑާ ހެދިވެސް ލަސްތަކެއް ދިމާވި. ދެން ސޯލާ ޕެނަލް ހަރުކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި އެހެން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީވެ އެމަސައްކަތްތައް ނިމެންދެން ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް މަޑުޖެހުނީ. އަދި ސޯލާ ޕެނަލް ހަރުކުރުމަށް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބައެއް ސާމާނުތައް އެތެރެކުރުމުގައިވެސް ދަތިތަކެއް ދިމާވި. އެކަމަކު އިރާދަކުރެއްވިއްޔާ މިހާރު އެ މަސައްކަތް ފަށައިގެން އެ ދަނީ ކުރިއަށްމ،" އޭނާ ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ހުޅުމާލޭ ހައުސިން ޔުނިޓުތަކުގެ ފުރާޅުގައި ހުރި ޕެނަލްތަކުން އުފައްދާ ކަރަންޓު ސްޓެލްކޯގެ ގްރިޑަށް ގުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަހުކޮޅު ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ލިންކް ރޯޑުގައި ކުރާ މަސައްކަތް ނިންމައި، ސްޓެލްކޯގެ ގްރިޑަށް ގުޅައި ޕެނަލްތަކުން ކަރަންޓު އުފައްދަން ފެށޭނެ ކަމަށް އަންދާޒާކުރެވެނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލިންކު ރޯޑުގައި ގާއިމު ކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކާނީ ކަރަންޓު ޔުނިޓަކަށް 10.09 ޔޫއެސް ސެންޓަށެވެ. އެންވަޔަރަމަންޓް އެސްޕަޔާގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިން ޔުނިޓުތަކުގައި ގާއިމުކޮށްފައިވާ 1.5 މެގަވޮޓް ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކަނީ 21 ޔޫއެސް ސެންޓަށެވެ. އެހެންކަމުން މި މަޝްރޫއުގެ ދަށުން ކުރިން ސޯލާ ހަކަތައިން އުފައްދާ ކަރަންޓު ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެއްގައި ކަރަންޓު ލިބޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއަކީ ޕްރައިވެޓް އިންވެސްޓްމަންޓްގެ އުސޫލުން ވޯލްޑް ބޭންކުގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެހެންކަމުން މަޝްރޫއުގެ މަސައްކަތަށް ފައިނޭސް ކުރާނީ މި މަޝްރޫއުގެ ބިޑް ކާމިޔާބުކުރި ތައިލޭންޑްގެ އެންސިސް ކުންފުނިން ކަމަށާއި އަދި ކޮންޓެރެކްޓުގެ މުއްދަތުގައި މެއިންޓަނަންސްގެ މަސައްކަތްވެސް ކުރާނީ އެންސިސް ކުންފުނިން ކަމަށް އަލީ ވިދާޅުވިއެވެ. އަދި މި މަޝްރޫއަށް ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަލީ އިތުރަށް ވިދާޅުވީ މި ޕްރޮޖެކްޓުގެ ސަބަބުން ތެލަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވެގެން ދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އެގޮތުން މި ފިޔަވަހީގެ ފަސް މެގަވޮޓުގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓު ޔުނިޓުން ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ރުފިޔާ އަހަރަކު ސޭވްކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަސް މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު، ހުޅުލެ އަދި ހުޅުމާލޭ ގުޅުވައިދޭ ލިންކް ރޯޑުގައި ގާއިމުކުރާ ސްޓަރަކްޗާ ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާ ރައްޓެހިގޮތަކަށް އަދި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ޕޭވްމެންޓް ބޭނުންކުރެވޭ ގޮތަށެވެ.