މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ، އެ ކޯޓުގައި މިއަދު ހެނދުނު 9:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ދިފާއީ ވަކީލުން އެދިގެން ކަމަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ނިހާނުގެ މައްޗަށް ދައުލަތުން ވަނީ ހަ ދައުވާއެއް އުފުލިއެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެއް އަދި މަނީ ލޯންޑަރިންގެ ދައުވާއެކެވެ. އޭގެ ތެރެއިން ރިޝްވަތު ހިފުމުގެ އެއް ދައުވާ ވަނީ އަނބުރާ ގެންގޮސްފައެވެ. އެއީ އެ ކުށާ ގުޅިގެން އޭނާއަށް މަނީ ލޯންޑަރިންގެ ދައުވާވެސް ކުރާތީއެވެ.
މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ކުރިއަށް ދިޔައީ ދެ ފަރާތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ޝަރީއަތުން ނިންމި ގޮތް ހާމަކުރުމެވެ
މި މައްސަލާގައި ނިހާންގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުންގެ ނަން ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޕްރޮސިކިއުޓަރު ޖެނެރަލް ހުސެއިން ޝަމީމާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާއާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއުއާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ފަލާހުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ)ގެ އިތުރުންވެސް ބައެއް މެންބަރުން ހިމެނެއެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމަވާފައި ވަނީ ދިފާއީ ހެއްކަކަށް ރައީސް ސޯލިހުގެ ނަން ބަލައިނުގަތުމަށެވެ. ނަމަވެސް ޝަމީމާއި މަހުލޫފް އަދި ބައެއް މެންބަރުންވެސް ހެކިންގެ ގޮތުގައި ބަލައިގަންނަން ނިންމެވިއެވެ. މި މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިމެނިވަޑައިގަންނަވައެވެ.
ވިލިމާލެ ދާއިރާގެ މެމްބަރުކަމުގައި އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ނިހާން ހުންނެވި އިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި އަދީބު ގާތު ރިޝްވަތަށް އެދި އަދި އޭނާ ދީފައިވާ ރިޝްވަތު ހިފައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.
ޕީޖީ އޮފީހުން ބުނެފައި ވަނީ، ނިހާން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސް އިން ފްލެޓެއް ގަނެފައިވާ ކަމަށެވެ.
އޭގެ އިތުރުން 2014 ވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަންކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑުގެ ގަޑިއެއް ދިނުމަށް އަދީބު ގާތުގައި އެދުމުން، މ. ވިލާދަށުގެ/ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް އަދީބު ދިން ގަޑި ބަލައިގަނެފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ، ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނެވި އިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރެއްވި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާ ކަމަށާއި އެ ފައިސާ ދިނުމުން އެ ފައިސާގައިވެސް ހިފާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު