ވަޒީފާ ނެތުމުގެ ނުތަނަވަސްކަން ދޫކޮށްލައި، ސަރުކާރުން ކޮށައިދޭ މަގުތައް ޒުވާނުން އިހުތިޔާރުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ސެންޓާ ފޯ ސޯޝަލް އެޑިއުކޭޝަން (އެމްސީއެސްއީ) ގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކުޑަ އާމްދަނީ އެއް ލިބުނަސް އަމިއްލަ ފުދުންތެރިކަމުން ހިތްހަމަޖެހުން ހޯދުމަށް ޒުވާނުން ވަޒީފާއަށް ދިއުން ވަރަށް މުހިންމު ކަމަށެވެ.

"އަޅުގަނޑު ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ، ވަޒީފާއެއް ނެތި ހުރުމުން ލިބޭ ނުތަނަވަސްކަން ދޫކޮށްލަމާ ހިނގާށޭ. ކިތަންމެ ކުޑަ އާމްދަނީއެއް ލިބޭ ވަޒީފާއަކުން ވިޔަސް، އަމިއްލަ ފުދުންތެރިކަމުގެ ހިތްހަމަޖެހުން ހޯދޭތޯ ބަލަމާ ހިނގާށޭ. އެއީ ތިޔަ ޒުވާނުންނަށް ވެސް، އަދި މުޅި މުޖުތަމައަށްވެސް ލިބޭނެ ވަރަށް ބޮޑު ފައިދާއަކަށްވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުންމީދުތައް ހާސިލުކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރުމަށް ލިބޭނީ ޒުވާން އުމުރު ކަމަށެވެ. ޒުވާންފުރައަކީ ހަޔާތުގެ ކުރިމަގު ހުޅުދާންކުރުމަށް ލިބޭ އަލިގަދަ ދަންމަރެއް ކަމަށާއި ކާމިޔާބު ދިރިއުޅުމެއް އާރާސްތު ކުރެވޭނީ ޒުވާން އުމުރުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮށައިދޭ މަގުތައް އިހުތިޔާރުކުރުމަށް ދިވެހި އެންމެހައި ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރަން. އެންމެ ފުރަތަމަ ކަމަކީ ރާއްޖެ އާއި ރާއްޖޭން ބޭރުން ފަހިކޮށްދީފައިވާ މަތީ ތައުލީމުގެ ފުރުސަތުތަކުގެ ބޭނުން ހިފުން. އަނެއް ކަމަކީ މިހާރު ހުރި ވަޒީފާތަކުގެ ބޭނުން ކުރަން ފެށުން،" ރައީސް ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަސް ފާހަގަ ކުރަމުންދާއިރު، ގައުމީ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރާއި އަމިއްލަ ކުންފުނިތަކުގައި ހިންގުމުގައި ޒުވާނުން އަދާކުރާ ދައުރާއި އާއިލާ ބެލެހެއްޓުމުގެ ޒިންނާ ނަގައިގެން ތިބި ޒުވާނުން އެބިތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަތޮޅުތެރޭގައި ޒުވާނުންނަށް ހުރި ވަޒީފާތައް މަދުކަން ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެއީ އަތޮޅުތަކަށް ބޭނުންވާ ސިނާއީ ތަރައްގީގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ފާއިތުވި ތަނުގައި ކުރެވިފައި ނެތުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

"ވަޒީފާތައް އުފެދިގެން އަންނަނީ ވިޔަފާރިތަކާއި ސިނާއަތްތަކުން. އެކަމަށްޓަކައި މުހިންމު އަސާސީ ތިން ހިދުމަތެއް ކޮންމެހެން އެބަ ބޭނުންވޭ. އެއް ކަމަކީ ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް. އަނެއް ކަމަކީ، ދަތުރުފަތުރުގެ އިތުބާރު ހުރި ނިޒާމެއް. ތިން ވަނަ ކަމެއްގެ ގޮތުގައި ގުނަން ޖެހެނީ، މުވާސަލާތީ ނިޒާމެއް. މިޒަމާނަށް ބަލާއިރު އެއީ އިންޓަނެޓްގެ ލުއިފަސޭހަކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަތޮޅު ތެރޭގައި ސިނާއީ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެގޮތުން ފެނާއި ނަރުދަމާ އެޅުމަށް ހިންގާ މަޝްރޫއުތަކާއި އާރްޓީއެލް ފެރީ ނިޒާމު ތަރައްގީވެ ނިމިގެންދާ އިރު، ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެކަނި އާރްޓީއެލް ފެރީގެ ނިޒާމުން 1،000 ވަޒީފާ އުފެދިގެންދާނެ ކަމަށާއި ސަރުކާރުން ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ހިންގާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެލަވަންސް ލިބޭ ގޮތަށް މިހާރު ވެސް ތަފާތު 14 ކުންފުންޏެއްގައި 321 ޒުވާނަކު ތަމްރީނުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޒުވާނުންނަށް ވަޒީފާ ލިބުމުގެ ސަބަބުން އިޖުތިމާއީ ގޮތުން ދިމާވާ ވަރަށް ގިނަ މައްސަލަތައް ހައްލުވެގެންދާ ކަމަށެވެ. އެގޮތުން ޒުވާނުންގެ ކުށުގެ ވެށިން ދުރަށް ދިޔުމާއި އަމިއްލައަށް ފުދިގެން އުޅޭ ބައެއްގެ ގޮތުގައި ދިރިއުޅުމުގެ ފުރުސަތު ޒުވާނުންނަށް ލިބިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.