ޗައިނާގެ ރައީސްގެ މަގާމަށް ތިން ވަނަ ދައުރަކަށް ޝީ ޖިންޕިން އިންތިހާބުކޮށްފިއެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީން އެ ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އިތުރު ދައުރަކަށް ޝީ އިންތިހާބުކުރީ މިއަދުއެވެ. މިއީ 1980 ވަނަ އަހަރު އެ ގައުމުގައި ދިގު 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ޗެއާމަން މާއޯ ޒެޑޮންގްގެ ވެރިކަމަށްފަހު ތަންފީޒު ކުރެވުނު ރައީސުންގެ ދެ ދައުރުގެ ގަވާއިދު ބަދަލުކޮށް ރައީސަކު ތިންވަނަ ދައުރެއް ފުރިހަމަ ކުރައްވާ ފުރަތަމަ ފަހަރެވެ.
ތިން ވަނަ ދައުރަކަށް ޝީ މިހާރު ދަތުރުކުރައްވާނެ ކަމުގެ ޔަގީންކަން ލިބިފައިވާއިރު، އެކަން ރަސްމީކޮށް އިއުލާނު ކުރާނީ އަންނަ އަހަރުގެ މާޗް މަހު ބާއްވާ ސަރުކާރުގެ އަހަރީ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތަކުގައެވެ. ކޮމިއުނިސްޓް ޕާޓީން ވަނީ ޝީ އިސްވެ ހުންނަވާ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕޮލިޓްބިއުރޯ ސްޓޭންޑިން ކޮމިޓީ (ޕީއެސްސީ)ގެ ނަންތައްވެސް ހިމަނައިފައެވެ.
ޝީ ވަނީ ބެއިޖިންގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގެ ސްޓޭޖަށް އޭނާގެ އާ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާ އެކު މިއަދު އަރައިވަޑައިގެންފައެވެ.
ޝީއާ އެކު ޝަންހާއީ ކޮމިއުނިސްޓް ޕާޓީގެ ވެރިޔާ ލީ ކިއަންގް ވެސް ވަޑައިގެންނެވިއެވެ. އެހެންކަމުން ބޮޑުވަޒީރު ލީ ކެކިއާންގް މާޗް މަހު ރިޓަޔާ ކުރެއްވުމުން، ބޮޑުވަޒީރު ކަމުގެ މަގާމަށް ލީ ކިއަންގް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.
ޕީއެސްސީގެ އާ ހުރިހާ މެމްބަރުންނަކީ ވެސް މަރުކަޒީ އަސްކަރީ ކޮމިޝަންގެ ރައީސް ކަމަށް ހަމަޖެއްސި އުމުރުން 69 އަހަރުގެ ޝީއަށް ވަރަށް ގާތުން ބައިއަތު ހިފާފައިވާ ބައެއް ކަމަށް ބެލެވެއެވެ.
މަގާމަށް އައްޔަން ކުރެއްވުމުން މުޅި ޕާޓީއަށް އިހްލާސްތެރިކަމާ އެކު ޝުކުރު އަދާކުރައްވަމުން ޝީ ވަނީ ޕާޓީ އާއި ރައްޔިތުން ކުރި އިތުބާރަށް ހަގުއްކަން ސާބިތުކޮށްދިނުމަށްޓަކައި ވާޖިބުތައް އަދާކުރުމުގައި ގަދައަޅައި މަސައްކަތްކުރާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި ވެރިކަން ކުރެއްވި ޗެއާމަން މާއޯގެ ދިގު ވެރިކަމުގައި ޗައިނާގައި ގިނަ ހަމަނުޖެހުންތަކެއް ހިނގާފައިވާ އިރު، މާއޯ އަވަހާރަވުމަށްފަހު ކޮންމެ ރައީސަކަށް ވެސް އެންމެ ގިނަވެގެން ދެ ދައުރު ވެރިކަމުގައި ހުރެވޭ ގޮތަށް ޗައިނާގެ ގާނޫނު ވަނީ އިސްލާހު ކޮށްފައެވެ.
އެހެން ނަމަވެސް 2018 ވަނަ އަހަރުގެ ތެރޭގައި ރައީސް ޝީ ވަނީ މި އިސްލާހު ބާތިލު ކުރައްވައި ދެ ދައުރަށްވުރެ ގިނައިން ވެސް ރައީސުންނަށް ވެރިކަން ކުރެއްވޭނެ ގޮތް ހައްދަވައިފައެވެ.
ޚަބަރު
ޚަބަރު