މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އިން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހިއްސާ ކޮށްފިއެވެ.

މަސީއަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ބައިވެރިވާ ޖަމިއްޔާއެކެވެ.

ރައީސް ސޯލިހު ވަނީ މިއަދު ރައީސް އޮފީހުގައި މަސީއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވަނީ އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުވުމުގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަން ފާހަގަ ކުރައްވައި، މަސީއިން ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ރައީސްއަށް ދެއްވައިފައެވެ.

މަސީން ވަނީ އެ ބައްދަލުކުރެއްވުގައި ދުނިޔޭގެ އިގުތިސާދަށް އަންނަމުންދާ ލޮޅުންތަކާ އެކު ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ސަރަހައްދުގެ ގައުމުތަކުންވެސް އެގައުމުތަކުގައި އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސްއަށް މައުލޫމާތު ހިއްސާކޮށްފައެވެ.

މަސީން ފާހަގަކުރި މުހިއްމު ކަންކަމުގެ ތެރޭގައި ކޯވިޑާއި އަދި ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން އިންފްލޭޝަން މަތިވެ ދުނިޔޭގެ ބާޒާރުގައި އިމާރާތް ކުރުމަށް ބޭނުންކުރާ މައިގަނޑު ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުންތަކާއި ޑޮލަރުގެ ދަތިކަމާއި މަޝްރޫއުތައް ހިންގުމަށް ފަހުގައި ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ މިހާރަށް ވުރެވެސް އަވަހަށް ލިބޭނެ ގޮތެއް ހަމަޖެއްސުން ހިމެނެއެވެ.

އަދި ކުންފުނިތަކަށް ދިމާވާ މާލީ ދަތިތަކަށް ބޭންކިން ނިޒާމްގެ ތެރެއިން ލުޔެއް ހޯދުމާއި ލޭބަރުން ލިބުމުގައި ހުރި ދަތިތަކާއި ޖީއެސްޓީ ދެއްކުމުގައި މިހާރު ދިމާވާދަތިތައް ހައްލު ކުރުމާއި ރިއަލްއެސްޓޭޓް ވިޔަފާރީގައި ހުރި ދަތިތައް ހިމެނެއެވެ.

މަސީއާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ އެ ޖަމިއްޔާއިން ފާހަގަކުރި ކަންކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި މިހާރުވެސް ކޮންޓްރެކްޓަރުންނަށް އަވަހަށް ފައިސާ ދޫކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި މިނިސްޓްރީތަކުން ކަންކަން ހައްލުކުރެއްވުމަށްޓަކައި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް ވަނީ އަންނަ މަހުގެ 15 އިން 19 އަށް ޕެރަޑައިސް އައިލެންޑް ރިޒޯޓުގައި ބާއްވާ "އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން" (އިފޮޕްކާ) ގެ 45 ވަނަ ކޮންވެންޝަން ޝަރަފްވެރިކޮށްދެއްވުމުގެ ދައުވަތު ރައީސަށް އައްރުވައިފައެވެ. އަދި ކޮވިޑާ ގުޅިގެން އިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވި ކަންކަމާ ގުޅޭ ރިޕޯޓަކާއި ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާ ގުޅޭ ގޮތުން މަސީން ހަތް ބަހަކުން ލިޔެފައިވާ ފޮތުގެ ތެރެއިން ދިވެހިބަސް އެކުލެވޭ ފޮތް ވަނީ ރައީސަށް ވެދުމަށް އަރުއްވައިފައެވެ.