މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މުފްތީ މެންކް އިސްލާމިކް މަރުކަޒުގައި ހުކުރު ކުރައްވަނީ މިމަހުގެ 28 ވަނަ ދުވަސްވާ ހުކުރު ދުވަހު ކަމަށެވެ.

އެ ދުވަހު މުފުތީ މެންކް ދެއްވާ ހުތުބާގެ މައުޟޫއަކީ ﷲ ތައާލާއާ އޮންނަ ގުޅުން ބަދަހިކުރުން ކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިމަހުގެ 28 އިން 31 އަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ މާލެ އާއި ފުވައްމުލައް އަދި އައްޑޫ ސިޓީގައި ދީނީ ދަރުސް ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެފަހަރުގެ ދަތުރުފުޅުގައި މާލެ އާއި އައްޑޫގެ އިތުރުން ދެން ދަރުސް ދެއްވީ ކުޅުދުއްފުށި ސިޓީގައެވެ. އަދި ވަނީ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވައިފައެވެ.

އޭގެ ކުރިން 2016 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް މުފްތީ މެންކް ރާއްޖެ ވަޑައިގެންނެވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން ދީނީ ދަރުސް ދެއްވަމުން އަންނަ މުފްތީއަކީ ޒިންބާބުވޭގެ ފަތުވާ ޑިޕާޓްމެންޓްގެ ހެޑެވެ.