ހުއްދަ ނުނަގައި މާލޭ ސިޓީ ކައުންސިލުން މާލޭގައި ގަސް ވިއްކާ ފިހާރައެއް ހުޅުވައި ވިޔަފާރިކުރަމުންދާތީ އެ ކައުންސިލް 10،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ، ސިޓީ ކައުންސިލުން ގަސް ވިއްކާ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމުން އެކަން ބަލާފައިވާ ކަމަށެވެ. އެކަން ބެލުމަށްފަހު ސިޓީ ކައުންސިލް ޖޫރިމަނާކޮށްފައި ވަނީ މިއަދު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން ގަހުގެ ވިޔަފާރިކުރަނީ އެގޮތަށް ނޫން ކަމަށެވެ.
"ކައުންސިލްތަކުން ވިޔަފާރި ކުރަމުންދާ އުސޫލާ އެއްގޮތަކަށް ނޫން މާލޭ ސިޓީ ކައުންސިލުން ވިޔާފާރިކުރަމުން ދަނީ، އެހެންވެ އެކަން ބެލުމަށްފަހު އަޅުގަނޑުމެން ނިންމީ ފިޔަވަޅެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލް 10،000 ރުފިޔާއިން ޖޫރިމަނާކުރުމަށް. އަޅުގަނޑުމެން އިކޮނޮމިކް މިނިސްޓްރީން އެކަން ބެލިއިރު މާލޭ ސިޓީ ކައުންސިލުން ވިޔަފާރިކުރަމުން ދިޔައީ ރަޖިސްޓްރީކޮށްގެން ނޫންކަމަށް ވަނީ ފާހަގަކުރެވިފައި،" އޮފިޝަލް ވިދާޅުވިއެވެ.
ސިޓީ ކައުންސިލުގެ ގަސް ފިހާރަ "މާލެ ފެހި" އާންމުންނަށް ހުޅުވާލާފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުއެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ "މާލޭ ފެހި" އަކީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓައި ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ގާއިމުކުރި އައުޓްލެޓެއް ކަމަށާއި އެ އައުޓްލެޓުން އާންމުންނަށް ގަސް ގަނެވެން ހުންނާނެ ކަމަށެވެ. "މާލެ ފެހި" އައުޓްލެޓުން 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބެން ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު