އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ކުށް ސާބިތުވި، އެއިރު 18 އަހަރު ނުވާ ކުޑަކުއްޖާއަށް 18 އަހަރު ޖަލު ހުކުމެއް ހައިކޯޓުން އިއްވައިފި އެވެ.

ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ އަނަސް މަރާލި މައްސަލާގައި ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ހާދިސާ ހިނގި އިރު، އެ ކުއްޖާގެ އުމުރަކީ 17 އަހަރެވެ. އުމުރުން މިހާރު 21 އަހަރުގެ އެ މީހާގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން މިދިޔަ އަހަރު ނިންމުމުން އޭނާ ހުރީ ބަންދުން ދޫވެފައެވެ.

ޖުވެނައިލް ކޯޓުގެ އެ ނިންމުން ދައުލަތުން މިދިޔަ އަހަރު ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

އެ ކުއްޖާއަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން އެފަދަ މީހުންގެ މައުލޫމާތު އާއްމު ނުކުރެވޭނެއެވެ. އެ ކުއްޖާ 18 އަހަރާއި ނުވަ މަހަށް ޖަލަށްލާން މިއަދު ހުކުމްކުރީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އަނަސްގެ ހުރިހާ ވާރިސުން ބޭނުންވީ މަރަށް މަރު ހިފާށެވެ. ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮތްގޮތުން ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ އެއްވެސް ކުށަކަށް މަރުގެ އަދަބެއް ނުދެވެއެވެ.

އަނަސް މަރާލި މައްސަލާގައި އޭނާގެ އިތުރުން ހަތް މީހަކަށް ދައުވާ ކުރެއެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާއާއި ސ. ފޭދޫ/ ވެސްޓަންވިލާ، ހަސަން މަހްފޫޒާއި ތ. ކިނބިދޫ/ ގުލްފާމުގޭ، މުހައްމަދު ޝާޒްއާއި ލ. ގަން/ ތުނޑީ، ނަންނާރިގޭ، ޖުނައިހު އަބްދުﷲ އާއި މ. ދިމިޝްގު/ އުސްމާން ޝަރީފާއި ޅ. ކުރެންދޫ/ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގޭ/ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުން، އަނަސްއަށް ގްރޫޕަކުން ހަމަލާދީ މަރާލީ އޮޅުމަކުންނެވެ.