ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެންމެ ފަހުން ހެދި ރީ ބްރޯޑްކާސްޓު ކުރުމުގެ ގަވާއިދަކީ، މީޑިއާނެޓަށް އެދާއިރާ މޮނޮޕޮލައިޒް ކުރެވޭގޮތަށް ހަދާފައިވާ ގަވާއިދެއް ކަމަށްބުނެ އެ ގަވާއިދު ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ގޮވާލައްވައިފިއެވެ.

މެންބަރުން އެކަމަށް ގޮވާލެއްވީ، އެ ގަވާއިދަކީ، ނުފޫޒުގެ ބޭނުންކޮށްގެން، މީޑިއާނެޓަށް ފައިދާ ކޮށްދިނުމަށް ހަދާފައިވާ ގަވާއިދެއް ކަމަށް ތުހުމަތުކުރައްވައި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައެވެ.

ސިޔާމުގެ ގަރާރުގައި ބުނެފައި ވަނީ ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިންގެ ހިދުމަތް ނުދެވޭ ގޮތަށް ގަވައިދު ހެދީ، މީޑިއާނެޓާ ވާދަކުރާ ދިރާގުން އެ ވިޔަފާރިން ބޭރުކުރުމަށްކަމަށެވެ. މިހާރު އޮތް ގަވާއިދާ ގުޅިގެން 2023 ގެ ޖެނުއަރީން ފެށިގެން ދިރާގުގެ ލައިސަންސް ބާތިލު ވާނެއެވެ.

އެ ގަރާރަށް ވާހަކަ ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމު ވިދާޅުވީ، ބްރޯޑްކާސްޓު ކުރުމުގެ ގާނޫނު ބުނާގޮތުން ރާއްޖޭގައި ބްރޯޑްކާސްޓިންގެ ހިދުމަތް ދެވޭނީ ހަމައެކަނި 100 ޕަސެންޓް ދިވެހީންގެ ހިއްސާވާ ދިވެހި ކުންފުނިތަކަށް ކަމަށެވެ. ނަމަވެސް ބޭރު ކުންފުނިތަކާއި ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރީ ބްރޯޑްކާސްޓުގެ ހިދުމަތް ދިނުމަށް ގާނޫނު ހުރަސް ނާޅާ ކަމަށެވެ.

އޭނާ ފާހަގަ ކުރެއްވިގޮތުގައި ބްރޯޑްކޮމް އިން އެ ގަވައިދު ހަދާފައި ވަނީ މިފަހުން ރީ ބްރޯޑްކާސްޓް ކުރަންފެށި ދިރާގާ ދެކޮޅަށެވެ.

ރީ ބްރޯޑްކާސްޓް ކުރުމަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ކުރަން ފަސޭހަ ކަމެއްނޫން ކަމަށާއި، އެކަމަށް ބޮޑެތި ހަރަދުތަކެއްކޮށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެކަމަށް ދިރާގުން 30 ވަރަކަށް މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރީ ބްރޯޑް ކާސްޓް ކުރުމުގެ ހިދުމަތްދިނުމަށް އެެހެން ފަރާތްތަކަށް ފުރުސަތުދީ، ފެންވަރު ރަނގަޅު ވާދަވެރިންތަކެއް އުފައްދައިގެން އެހިދުމަތުގެ އަގު ތިރި ކުރުމުގެ ބަދަލުގައި، "ގާނޫނުން ބޭރުން ފާޑު ފާޑުގެ ގަވާއިދުތައް ހަދައިގެން ހިދުމަތް މޮނޮޕޮލައިޒް ކޮށްގެން ތިބެ ހެޔޮ އަގެއްގައި ރައްޔިތުންނަށް ޓީވީ ބަލައިލުމުގެ ފުރުސަތު ގެއްލުވާލަން މަސައްކަތް ނުކުރުމަށް ގޮވާލަން،" ކަމަށެވެ އަދި އެ ގަވާއިދުގައި ހިމެނޭ ގާނޫނާ ތައާރަޒުވާ މާއްދާތައް އުވާލުމަށްވެސް ގޮވާލެއްވިއެވެ.

އޭނާ ވިދާޅުވީ އެ ގަވާއިދަކީ ވިޔަފާރިތައް ހަލާކުކޮށްލައި، އިންވެސްޓަރުންގެ ކޮންފިޑެންސް ގެއްލުވާލައި ރާއްޖޭގެ އަގު ވައްޓާލުމަށް ހަދާފައިވާ ތާކުން ތާކު ނުޖެހޭ ގާނޫނާ ހިލާފު ގަވާއިދެއް ކަމަށެވެ. އަދި ރާއްޖޭގައި އިންވެސްޓާ ކޮންފިޑެންސް ގެއްލިދާނެތީ، ދިރާގުގެ މެޖޯރިޓީ ހިއްސާ އޮންނަ ބަޓަލްކޯއާ އެކަން ހިއްސާކުރަން ދިރާގަށް ނުކެރިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ގަވާއިދާ ދެކޮޅުކަން ހާމަ ކުރައްވައި، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ވިޔަފާރިއާ ބެހޭ ގާނޫނުން ހުއްދަ ލިބިފައިވާ ކޮންމެ ކުންފުންޏަކަށް ވެސް ހަމަހަމަކަމާއެކީ ރީ ބްރޯޑްކާސްޓް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭ ކަމަށެވެ. ބްރޯޑްކޮމްގެ ގަވާއިދު ބަދަލު ކުރަން އޭނާވެސް ގޮވައިލެއްވިއެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ މީޑިއާނެޓުން ރަށްރަށަށް ދެމުން ގެންދިޔަ ހިދުމަތުގެ އަގު ބޮޑުވެ އެ ހިދުމަތަށް މައްސަލަ ދިމާވި ނަމަވެސް، ދިރާގުން ހިދުމަތްދޭން ފެށުމުން ހިދުމަތުގެ މައްސަލަ ކުޑަވެ އަގު ހެޔޮވި ކަމަށެވެ. އެގޮތަށް ކަންތައް ކުރިއަށްދަނިކޮށް ކުއްލިއަކަށް ހަދާ ގަވާއިދަކުން، ބޭރުގެ ހިއްސާ އޮންނަ ފަރާތްތަކަށް ވިޔަފާރީގައި ބައިވެރި ނުވެވޭނެ ކަމަށް ބުނާނަމަ އިންވެސްޓަރުންނަށް އެ ދެވެނީ ނުބައި މެސެޖެއް ކަމަށް ވެސް ވިދާޅުވިއެވެ.

"މާދަމާ ގަވައިދެއް ހަދައިފަ ބުނެފާނެ މީގެ ފަހުން ޓޫރިސްޓް ބެޑު ވިއްކޭނީ ހަމައެކަނި 100 ޕަސަންޓު ދިވެހިން ހިއްސާވާ ކުންފުނިތަކަށް ކަމަށް،" އެއީ ދީގެން ވާނެ ފުރުސަތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ އެއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަލާކުވާނެ ގަވާއިދެއް ކަމަށެވެ. އަދި އެ ގަވާއިދުގެ ސަަބަބުން ވާދަވެރިކަން ނެތިގެންދާނެ ކަމަށާއި، ރީބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި ވެސް ވާދަވެރިކަން އުފެދި އެ ވާދަވެރިކަމުގެ ތެރެއިން ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ރަނގަޅު ވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއް ބަޔަކަށް ފައިދާ ވެފައި އެހެން ބަޔަކަށް މަގު ބަންދުވުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ ބްރޯޑްކޮމް އިން ހެދި ގަވައިދު ޖެހޭނީ ބާތިލުކުރަން ކަމަށެވެ. އެ މައްސަލަ މަޖިލީހުގެ ކޮމެޓީން ބަލައި، މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ، އެ ގަވާއިދަކީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށެވެ.