ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އޮމާން އަށް ވަޑައިގެންފި އެވެ.
މިނިސްޓަރު ޝާހިދުގެ މި ރަސްމީ ދަތުރުގައި އޮމާންގެ ވެރިރަށް މަސްކަޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އޮމާންގެ ޗީފް އޮފް ޕްރޮޓޮކޯލް ހާލިދު އަލްޖަރާދީ އެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިނިސްޓަރުގެ މި ދަތުރުގައި އޮމާންގެ ސުލްތާން ހައިތަމް ބިން ތާރިގް އާއި އެގައުމުގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު އަލްބޫސައިދީ އާއި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. ސުލްތާން ހައިތަމް ބިން ތާރިގަށް ރައީސް ސޯލިހުގެ ސިޓީފުޅެއް ރައްދުކުރައްވައި ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުންނާއި ދެ ގައުމުން ޝައުގުވެރިވާ ދާއިރާތަކުން މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން މިނިސްޓަރު ޝާހިދު، އޮމާންގެ ހެރިޓޭޖް އެންޑް ޓޫރިޒަމް މިނިސްޓަރު ސަލީމް ބިން މުހައްމަދު އަލްމަހުރޫގީއާ ބައްދަލުކުރައްވައި، އޮމާން އިންވެސްޓްމަންޓް އޮތޯރިޓީއާ މަޝްވަރާކުރައްވައި، ޓޫރިޒަމާއި އިންވެސްޓްމަންޓްގެ ދާއިރާތަކުން ދެގައުމުގެ މެދުގައި އެއްބާރުލުން ދޭނެ މަގުތައް ހޯއްދަވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓަރު ޝާހިދުގެ މި ދަތުރުގައި ރާއްޖެއިން އޮމާނަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރު މުހައްމަދު ހަލީލާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ފާތިމަތު ނަޖްވާ ބައިވެރިވެވަޑައިގަންނަވަ އެވެ.