ފާއިތުވީ 1443 ވަނަ އަހަރު ހައްޖު ކޯޕަރޭޝަނުން ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހި ހައްޖާޖީންނަށް ޕެނަޑޯލާއި ކޮފީ ވިއްކާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ލިޔުމުން ޖަވާބު ހޯއްދެވުމަށް މިނިސްޓަރާ ލިޔުމުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، މިދިޔަ އަހަރު ހައްދިޔަ ދިވެހި ހައްޖުވެރިންނަށް ބޭނުންވާ ކެއިންބުއިމާއި ބޭސްފަރުވާގެ ކަންކަން އެހެން ޖަމާއަތްތަކުން ހިލޭކޮށްދެމުންދިޔަ ކަމަށާއި އެހެންނަމަވެސް ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ މީހުންނަށް ކޮފީ އާއި ޕެނެޑޯލް ވިއްކަމުންދިޔަ ކަމަށާއި، އެ ޝަކުވާ މިނިސްޓަރަށް ހުށަހެޅުމުންވެސް އެކަން ހައްލުކޮށް ނުދެއްވާކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެހެންކަމުން އެކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރެއްވިންތޯ އާއި، އެކަމަށް ހައްލެއް ނުލިބުނީ ކީއްވެތޯ، މެންބަރު ސުވާލު ކުރެއްވިއެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުން ހައްޖުގައި ކޮފީ ވިއްކާކަމުގެ ޝަކުވާ ބައެއް ހައްޖުވެރިންގެ ފަރާތުން ލިބުމުން އެއީ ކިހިނެއް ހިނގާ ކަމެއްތޯ ބެއްލެވި ކަމަށެެވެ. މުޅި ހައްޖު ދަތުރުގައި ހާޖީންނަށް ދެވޭ ތިން އިރު ކެއުމާއި، ހަވީރު ސައިގެ އިތުރުން އެހެނިހެން ވަގުތުތަކުގައި އިތުރު ހިދުމަތެއްގެ ގޮތުގައި، ހައްޖާޖީން ތިބި ހޮޓަލުގެ ލޮބީގައި ކޮފީޝޮޕެއް ހުޅުވައި، ކޮފީ ގަންނަން ބޭނުންވި ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ކޮފީ ޝޮޕެއްގައި ކޮފީ ވިއްކިކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ހައްޖުވެރިންނަށް ޕެނެޑޯލް ގުޅަ ވިއްކާފައިވާކަމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މަޖިލީހުގެ ސުވާލާ ގުޅިގެން މައުލޫމާތު ސާފުކުރިއިރު ހައްޖުވެރިންގެ ތެރެއިން ޕެނެޑޯލް ގަންނަން ބޭނުންވި ފަރާތްތަކަށް ޕެނެޑޯލް ވިއްކާފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.