އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް އާސެނަލްއިން ރޭ ލީޑްސް ބަލިކޮށްފިއެވެ.

ލީޑްސްގެ އެލަން ރޯޑުގައި ރޭ ކުޅުނު މެޗު އާސެނަލުން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އާސެނަލް އެއްވަނައިގައި އޮތީ 10 މެޗުން 27 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާއި ތިންވަނައިގައި އޮތް ޓޮޓެންހަމްއަށް 10 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. ރޭ އެސްޓަން ވިލާ ދަނޑުގައި 2-0 އިން މޮޅުވި ޗެލްސީ ހަތަރު ވަނައިގައި އޮތީ ނުވަ މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ.

އާސެނަލުން ރޭ ކުޅުނު މެޗު ފެށިގެން 23 ވަރަކަށް ސިކުންތު ހިނގިތަނާ މެޗު މެދުކަނޑާލަން ޖެހުނެވެ. މެޗު ހުއްޓާލުމުން ސްޓޭޑިއަމްގައި އިއުލާނު ކޮށްފައިވާ ގޮތުގައި، ދަނޑުގެ ވީއޭއާރް ރޫމުގެ އިތުރުން ރެފްރީގެ ހުރިހާ ކޮމިއުނިކޭޝަނެއް ހިނގާ ޖަގަހައިގައިވެސް ކަރަންޓް ވަނީ ކެނޑިފައެވެ. ދަނޑަށް ދިމާވި ކަރަންޓުގެ މައްސަލައިގައި ސަބަބުން ގޯލް ލައިން ޓެކްނޮލޮޖީވެސް މަސައްކަތް ނުކުރެއެވެ.

ރޭގެ މެޗު 40 ވަރަކަށް މިނެޓަށް މެދުކަނޑާލަން ޖެހިފައިވާ އިރު، މެޗު އަލުން ފެށީ ސިސްޓަމް އެއްކޮށް ޓެސްޓް ކުރުމަށްފަހުއެވެ. މެދުކެނޑުމަށްފަހު މެޗު ފެށީ ދެޓީމަށް 10 މިނެޓްގެ ވާމް އަޕްގެ ވަގުތު ކޮޅެއްވެސް ދިނުމަށްފަހުއެވެ.

މެދުކެނޑުމަށްފަހު އަލުން ފަށައި، އާސެނަލުން ވަނީ ފުރަތަމަ ހާފުގައި ގޯލު ޖަހައިފައެވެ. 35 ވަނަ މިނިޓުގައި މާޓިން އޮޑެގާޑް ދިން ބޯޅައިން ލީޑު ނަގައިދިނީ ބުކަޔޯ ސަކާއެވެ.

ދެވަނަ ހާފުގައި ފެނުނީ ތަފާތު މަންޒަރުތަކެކެވެ. ހާއްސަކޮށް އާސެނަލް ސަޕޯޓަރުން ނޭވާ ހިފަހައްޓާލަންވެސް ޖެހުނު ވަގުތުތަކެއް ދިޔައެވެ. ހާފުގެ ކުރީކޮޅުގައި ލީޑްސްގެ ޕެޓްރިކް ބެމްފޯޑުގެ ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ ގޯލަށް މަސައްކަތް ކުރި އިރު، އޭނާ ފައުލް ކުރި ކަމަށެވެ. އަދި އޭގެ އިރުކޮޅެއްފަހުން ބެމްފޯޑަށް ނަތީޖާ ހަމަހަމަ ކުރަން ލިބުނު ޕެނަލްޓީ އޭނާ ނާކާމިޔާބު ކޮށްލިިއެވެ.

މެޗުގެ ފަހު ވަގުތުގައި ފެނުނީ ވީއޭއާރްގެ ޑްރާމާއެވެ. މެޗުގެ އިތުރު ވަގުތުގައި އާސެނަލްގެ ގަބްރިއެލް މަގަޅައެސް، އޭރިއާތެރެއިން ލީޑްސްގެ ބެމްފޯޑަށް ފައުލެއް ކުރުމުން ރަތް ކާޑެއް ދައްކައި، ރެފްރީ ފުރަތަމަ ޕެނަލްޓީ ދިން ނަމަވެސް، ވީއޭއާރް ބަލައި ރަތް ކާޑުވެސް ކެންސަލްކޮށް، ޕެނަލްޓީވެސް ނުދޭން ނިންމިއެވެ.