ލައިފް ސްޓައިލް

ނިޔަފައްޗަށް އެކަށީގެންވާ ސަމާލުކަން ދެންތަ؟

މަރިޔަމް ޝަފާ އިބްރާހިމް

އަތާއި ފައިގެ ނިޔަފަތި ތަކަށް ކިހާ ވަރަކަށް ސަމާލުކަން ދެވޭ ހެއްޔެވެ. ހަފުތާގެ ހަތް ދުވަހުން އެއްދުވަހުގެ އެއްގަޑިއިރު ނަމަވެސް ނިޔަފަތިތަކަށް ސަމާލުވެ، އަޅާލައި، ފަރުވާ ދެވޭހެއްޔެވެ. ނިޔަފަތިތަކުގެ ތެރެއިން އަތުގެ ނިޔަފަތިތައް އަނގަޔަށް ލުމަކީ ވަރަށް ގިނަ މީހުންނަށް ވަރަށް ފަސޭހައިން އަދި ވަރަށް އާންމުކޮށް ކުރެވޭ ކަމެކެވެ. ނޭނގުމުގެ ތެރޭގައި ނަމަވެސް ވަރަށް ގިނަ ބަލިތަކަށް މަގުފަހިކޮށްދޭ އެއްޗަކަށް ނިޔަފަތިތައް ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ކެއުމުގެ ތެރޭގައި ނިޔަފަތީގައި ހުރިއްޔާ ހުރި ކޮންމެ އެއްޗަކީ އެތެރެހަށްޓަށް ވަރަށް ފަސޭހަ ގޮތެއްގައި ވާސިލުވާ ތަކެއްޗެވެ. އަމިއްލަ އަތުގެ ނިޔަފަތިތައް ގެންގުޅޭ ގޮތުން ތިމާގެ ސިއްހަތަށް އަސަރުކުރާ ކަން ނޭނގޭ މީހަކު ވަރަށް މަދު ވާނެއެވެ.

ނިޔަފައްޗެއްގައި ރިއްސުމަކީ ގައިގައި އަޅާ އެންމެ ބޮޑެތި، ކެތްކުރަން އުނދަގޫ ވޭންތަކުގެ ތެރެއިން އެއް ވޭނެވެ. ގިނަ ފަހަރަށް މިގޮތަށް ރިއްސަން ދިމާވަނީވެސް އަމިއްލައަށް ކުރެވޭ ކަމެއްގެ ސަބަބުންނެވެ. ފައިގެ ނިޔަފަތިތައް ގެންގުޅުމުގައި ބައެއް ފަހަރު ފަރުވާކުޑަކޮށްލެވެނީ އެއީ އެހާ މުހިންމު ބައްއްހެން ހީނުވާތީއެވެ. އެކަމަކު އެއީ ފައިގެ އިނގިލިތަކަށް ބާރަކަށްް އަދި ރައްކާތެރިކަމަށް ޓަކައި ހުންނަ ބައެކެވެ.

ނިޔަފަތިތައް ސާފުވެފައި ރީތިކޮށް ބެހެއްޓޭނީ އެޔަށް ރަނގަޅަށް ފަރުވާ ދީގެންނެވެ. އަބަދުވެސް ނިޔަފަތިތައް ސާފުކޮށް ބެހެއްޓުމަށް މަސައްކަތް ކުރަންވާނެއެވެ. ސަބަބަކީ މިއީ އެހާ އުނދަގޫ ކަމަކަށް ނުވާތީއެވެ. ހަމައެހެންމެ ދުޅަހެޔޮ އިނގިލިތަކަކާއި ސާފު، ނަލަ ނިޔަފަތިތަކަކީ ތިމާގެ ސިފައަށް އިތުރުވާ ރީތިކަމެކެވެ.

ބައެއް ފަހަރު އިނގިލީގެ ނިޔަފަތިތަކަށް ލިބޭ އަނިޔާއެއްގެ ސަބަބުން ނިޔަފަތިތަކަށް ގެއްލުން ލިބި އަދި އެފަދަ ނިޔަފަތިތަކުގެ ކުދިކުދި މައްސަލަތަކުން ނޭނގިހުއްޓާ ބޮޑު، ކަމަކަށް ހިނގައިދާނެއެވެ. އެހެންކަމުން ދުވަސްދުވަހުން އަތާއި ފައިގެ ނިޔަފަތިތަކުގެ ހާލަތު ބަލައިލުމަކީ ވެސް މުހިންމު ކަމެކެވެ. ނަމަވެސް ނިޔަފަތީގެ ހުރިހާ ހާލަތަކީ އާދައިގެ ހާލަތެއް ނޫނެވެ. މިކަންކަން ފާހަގަ ކުރެވިއްޖެނަމަ ޑޮކްޓަރަށް ނުވަތަ ހަމުގެ ޑޮކްޓަރުންގެ ލަފާ ހޯދަން ވާނެއެވެ.

ނިޔަފަތީން އާންމުކޮށް ފާހަގަވާ ތަފާތު ބައެއް ކަންކަން

  • ކުލައަށް އަންނަ ބަދަލުތަކާއި، މުޅި ނިޔަފަތީގެ ކުލަ ބަދަލުވުން ނުވަތަ ނިޔަފަތީގެ ދަށުގައި އަނދިރި ރޮނގެއް ހުރުން
  • ނިޔަފަތީގެ ބައްޓަމަށް އަންނަ ބަދަލުތައް، ނިޔަފަތި ކަޅުވުން ފަދަ ކަންތައް
  • ނިޔަފަތިތައް ތުނިވުން
  • ނިޔަފަތި ވަށައިގެންވާ ހަންގަނޑު ވަކިވުން
  • ނިޔަފަތީގެ ވަށައިގެން ލޭއައުން
  • ނިޔަފަތިތަކުގެ ވަށައިގެން ދުޅަވުން ނުވަތަ ރިހުން
  • ނިޔަފަތިތައް ބޭރަށް ނުކުންނަން ދަތިވެ ދިގުވާން ދަތިވެ ރިއްސަން ފެށުން
  • ނިޔަފަތީގެ ކައިރީން ދުޅަވުން

ނިޔަފަތިތައް ސާފުކޮށް ބެހެއްޓުމަކީ، ނިޔަފަތީގެ ދަށުގައި ބެކްޓީރިއާ އުފެދުން ހުއްޓުވާ ކަމެކެވެ. ތަކުރާރުކޮށް ނުވަތަ ގިނަ ދުވަހު ފެނާއި ގުޅިގެން އުޅުމަކީ ނިޔަފަތިތައް ފަޅައިގެން ދިއުމަށް މަގުފަހިވާ ކަމެކެވެ. ތަށިދޮންނައިރު، ސާފުކުރާއިރު ނުވަތަ ހަރުކަށި ކެމިކަލްތައް ބޭނުންކުރާއިރު، އަތަށް ރަބަރު އަންގިއެއް އަރުވައިގެން މަސަައްކަތް ކުރުން މުހިންމެވެ. އޭރުން ނިޔަފަތިތައް ހަޑިވުމުން ދުރުކޮށްދޭނެއެވެ. ނިޔަފަތީގެ ސާފުތާހިރުކަން ރަނގަޅު ކުރާން ވެސް މަސައްކަތް ކުރުން މުހިންމެވެ. މޮއިސްޗަރައިޒާ ބޭނުން ކުރާށެވެ. ލޯޝަން ބޭނުންކުރާއިރު ލޯޝަން އަތާއި ފައިގެ އިނގިލީގެ ނިޔަފަތިތަކާއި ނިޔަފަތިތަކުގެ ކަންތަކުގައި އަދި އިނގިލިތަކުގައިވެސް ވެސް އުނގުޅާށެވެ.

ނިޔަފަތި ހަރުވެގެންގޮސް ފަޅައިގެން ދިއުން ކަހަލަ ކަންކަން ހުއްޓުވުމަށް ޓަކައި، ރަނގަޅު ފިނި ކްރީމެއް ނިޔަަފަތިތައް ދޮވެހިއްކުމަށްފަހު ހާކާށެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ނިއުޓްރިޝަނަލް ސަޕްލިމެންޓް ބަޔޯޓިން އިން ބަލިކަށި ނުވަތަ ފަޅައިގެންދާ ނިޔަފަތިތައް ވަރުގަދަ ކުރުމަށް އެހީތެރިވެދެއެވެ.

ނިޔަފަތިތަކުގެ ކަނުން ކެނޑުމުގައި އަބަދުވެސް ވަރަށްބޮޑަށް ސަމާލުވާންވާނެއެވެ. އަތާއި ފައިގެ އިނގިލިތަކުން ނިޔަފަތި ކެނޑުމުގައި މާބޮޑަށްވެސް ތަފާތުކަމެއް ހުރެއެވެ. އަތުގެ އިނގިލިތަކުގެ ނިޔަފަތި ކެނޑުމުގައި ސީދާކޮށް ކެނޑުމާއި ކަނާއެކު ނުކެނޑުމަށް ސަމާލުކަން ދޭންވާނެއެވެ. އަބަދުވެސް ނިޔަފަތީގެ ކަން ވަދެ ދުޅަވެ އުނދަގޫވާން ފަށައިފިނަމަ އަވަހަށް އެނިޔަފަތީގެ އަނެއް ކަން ކަނޑަން ސަމާލުވާށެވެ.

ބައެއްް ނިޔަފަތިތަކަކީ ވަރަށް ހަރު ނިޔަފަތިތަކެއްކަމުން އެފާޑުގެ ނިޔަފަތިތައް ކެނޑުމުގެ ކުރިން ފެނަށް ލައިގެން އިނގިލިތައް ތެންމާލާށެވެ. މަޑުވުމުން ނިޔަފަތި ކަނޑާށެވެ. ހަރުކަށި ނިޔަފަތި ބެލެހެއްޓުމަށް ބޭނުންކުރާ ތަކެތި ބޭނުން ކުރާށެވެ. ނޭލް ޕޮލިޝް ރިމޫވަރ ބޭނުންކުރާއިރު އެސިޓޯން ފްރީ ފޯމިއުލާއެއް އިޚުތިޔާރު ކުރާށެވެ.

ނިޔަފަތިތަކަށް އިހުމާލުވުމަކީ ފަސޭހަ ކަމެކެވެ. އެކަމަކު އަސާސީ ބައެއް ފިޔަވަޅުތައް އެޅުމަކީ އިނގިލީގެ ނިޔަފަތިތައް ދުޅަހެޔޮކޮށް ވަރުގަދަކޮށް ބެހެއްޓޭނެ ކަމެކެވެ.