މި އަހަރު ރާއްޖެ ޓީވީ އަދި އައިސް ޕްލަސްއާ ގުޅިގެން މީޑިއާނެޓުން ގެނެސްދޭން ނިންމާފައިވާ ފީފާ ވޯލްޑް ކަޕްގެ ކަވަރޭޖުގެ ޓައިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.
ސޮލައިޓް ރެސްޓޯރެންޓްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލްހަމަދީ އާއި އެ ކުންފުނީގެ ސީސީއޯ ހުސެން ނިޔާޒެވެ. މީޑިއާނެޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި އެމްޑީ އަހުމަދު ޝަފީއު އާއި ސީއޯއޯ އަހުމަދު ނަބާހްއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އައިސް ޕްލަސް އަދި ރާއްޖެ ޓީވީގެ ފަރާތުން ވެސް ވަނީ އުރީދޫއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ހާލިދު ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި ފުޓްބޯޅައާމެދު ހާއްސަ ލޯތްބެއް އުފެދިފައިވާ ކަމަށެވެ. އަދި ފުޓްބޯޅައަކީ އުރީދޫ ގްރޫޕާ ވެސް ވަރަށް ގާތްކަމެއް އޮންނަ ކުޅިވަޅެއް ކަމަށާއި އުރީދޫގެ އަމާޒަކީ ދިވެހި ސަޕޯޓަރުންނަށް ވޯލްޑް ކަޕް ބެލުމުގައި ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މި އަހަރުގެ ވޯލްޑްކަޕަށް އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ސަޕޯޓަރުންނަށް ކުލަގަދަ، އަދި ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް މެޗުތައް ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މީޑިއާނެޓާ މިއަދު މި ޕާޓްނަޝިޕް ގާއިމު މިކުރީ ނުހަނު އުފަލާއެކު،" ހާލިދު ވިދާޅުވިއެވެ.
މީޑީއާނެޓްގެ ސީއޯއޯ ނަބާހް ވިދާޅުވީ މިއަހަރު ރާއްޖޭގެ ތާރީހުގައި ވެސް އަލަށް، ވޯލްޑްކަޕް ހަމަ އެކަނި ސައްތައިން ސައްތަ ދިވެހި ޗެނަލްތަކަކުން ފެނިގެންދާނެ ކަމަށެވެ. އެކަމަށް އުރީދޫގެ އެއްބާރުލުން ލިބިގެން ދިއުމަކީ މީޑިއާނެޓަށް ވެސް ލިބިގެންދާ ޝަރަފެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ފީފާ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު