ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުވާލި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލާފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ގޯސްކޮށް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ އެމްއާރުޑީސީ އުވާލުމަށް ނިންމިކަން އަންގައި އެ ކުންފުންޏަށް ރައީސް އޮފީހުން ސިޓީ ފޮނުވާފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެ ސިޓީގައި ވަނީ ސަރުކާރަށް އެވަގުތު އެންމެ ފައިދާ ބޮޑު ގޮތަކީ އެމްއާރުޑީސީން ކުރަމުން އައި މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ ޕަބްލިކް ވޯކް ސާވިސްއާ ހަވާލުކޮށްގެން ކުރިއަށްގެންދިއުން ކަމަށެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން މިދިޔަ އަންގާރަ ދުވަހު އާންމުކުރި 2019 ވަނަ އަހަރުގެ ފިނޭންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވަނީ އެމްއާރުޑީސީ އުވާލަން ކުރީ ސަރުކާރުން ނިންމި ސަބަބުތައް ބަޔާންކޮށްފައެވެ. އެ ސަބަބުތަކުގެ ތެރޭގައި އެ ކުންފުންޏަށް ހަވާލުކުރާ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދިއުމާއި، ކުންފުނީގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރުމުގެ އިތުރުން ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތް އެކަށިގެންވާ ބާރު މިނެއްގައި ކުރިއަށް ނުގެންދިއުން ހިމެނޭ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.
އެމްއާރުޑީސީ އުވާލުމަށް ނިންމުމާ ގުޅިގެން އެ ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް 2018 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު އެމްއާރުޑީސީ އާއި ލިކުއިޑޭޝަން މަސައްކަތް ކުރާ ފާމަކާއެކު އެއްބަސްވުމެއްގައި ސޮއިކުރިކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. ލިކުއިޑޭޝަން އެއްބަސްވުމުގެ ދަށުން ލިކުއިޑޭޓާ އަދާކުރަން ޖެހޭ ޒިންމާތައް ބަޔާންކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އެގޮތުން ކުންފުނީގެ މުދަލާއި ދަރަނި ހިސާބުކޮށް ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ހޯދައި، ކުންފުނީގެ އެސެޓްތައް ހިފެހެއްޓުމުގެ އިތުރުން ކުންފުނީގެ މުދަލާއި ދަރަނި ހިސާބުކޮށް އަދި ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ހޯދައި އެ ފައިސާ ހިސާބުކޮށް އެ ފައިސާގެ ތަފުސީލުތައް ބަޔާންކޮށް ރިޕޯޓެއް ތައްޔާރުކުރަން ޖެހެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ، އެއްބަސްވުމުގެ ދަށުން ލިކުއިޑޭޓަރަށް މަތިކޮށްފައިވާ ޒިންމާތައް އަދާކޮށްފައިނުވާ ކަމަށެވެ.
"ކުންފުނީގެ އެސެޓްތައް ހިފަހައްޓައި އަދި ކޮންޓްރޯލުކޮށް އަދި ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ ލިކުއިޑޭޓަރުގެ ޒިންމާއެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ލިކުއިޑޭޓަރު އެމްއާރުޑީސީގެ މުދަލާއި ދަރަނިތަކުގެ ހިސާބުތަކުގެ ރިޕޯޓެއް ތައްޔާރުކޮށްފައެއް ނުވެއެވެ. އެމްއާރުޑީސީ އުވާލުމާ ހަމައަށް އަދާހަމަކޮށްފައިވާ ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތަފުސީލު ރިޕޯޓެއް ލިކުއިޑޭޓަރު ތައްޔާރު ކޮށްފައެއް ނުވެއެވެ..،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ އެމްއާރުޑީސީ އެންމެ ފަހުން އޮޑިޓް ކޮށްފައިވާ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ވެސް 171.7 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށެވެ. ނަމަވެސް ކުންފުނި އުވާލިއިރު ވެސް އެފައިސާ ހޯދިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އެހެންވެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ލަފާދެއްވީ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށާއި ގާނޫނުގައި ބުނާ ކަންކަން ފުރިހަމަކުރުމަށްފަހު ކުންފުނި އުވާލުމުގެ މަސައްކަތް ފެށުމަށެވެ.
"ކުންފުނި އުވާލުމުގައި ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ 85 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތަށް، ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމާއި ސައްހަ ދަރަނިތައް އަދާކުރުމާއި އަދިވެސް ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަކޮށް ސަރުކާރުގެ ނިންމުމާ އެއްގޮތަށް ކުންފުނި އުވާލުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ. ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ދަންނަވަމެވެ..،" އޮޑިޓް ރިޕޯޓުގައި ނިޔާޒީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު