ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެރަށު ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުގެ ބައެއް ހެކިވެރީންނަށް ބިރުދައްކާ ކަމަށް ދައުލަތުން ތުހުމަތުކޮށްފިއެވެ.

އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގއ. މާމެންދޫ/ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ދައުލަތުން ކުރެއެވެ.

އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުވާ ކޮށްފައިވެއެވެ. އެ ކުއްޖާގެ މައްސަލަ ޖުވެނައިލް ކޯޓުގައި ކުރިއަށްދާ އިރު، އެ ކުއްޖާއަށް މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައެވެ. އެ ދައުވާތައް އެ ކުއްޖާގެ މައްޗަށް ވަނީ ސާބިތުވެސް ވެފައެވެ.

އުދައްޔުގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ވަނީ އުދައްޔުއަށް ހަމަލާދިން މަންޒަރު ދުށް ހަތަރު ސިއްރު ހެކިވެރީންގެ ހެކިބަސް ނަގައިފައެވެ. އެއީ ސިއްރު ހެކިވެރިޔާ 1، 2، 3ގެ އިތުރުން ސިއްރި ހެކިވެރިޔާ 11 އެވެ. އެ ހެކިވެރީންގެ ތެރެއިން އުދައްޔުއަށް ހަމަލާދިން މަންޒަރު އެންމެ ގާތުން ފެނުނީ ސިއްރު ހެކިވެރިޔާ 1 އަށެވެ.

ހެކިބަސް ދެމުން ސިއްރު ހެކިވެރިޔާ 1 ބުނި ގޮތުގައި އެރޭ ދެ މާރާމާރީއެއް ހިންގި ކަމަށާއި ދެވަނަ މާރާމާރީ ހިންގީ ޝަމީމްގެ ގެ ކައިރީގައި ކަމަށެވެ. އަދި އުދައްޔު މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ކުޑަކުއްޖާ، އުދައްޔުގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާ ދެނިކޮށް ފެނުނު ކަމަށާއި އެ ކުއްޖާގެ އިތުރުން ޝަރަފާއި މާޒިނާއި ޝަމީމުވެސް މާރާމާރީ ހިންގަނިކޮށް ފެނުނު ކަމަށާއި މާޒިނާއި ކުއްޖާގެ އަތުގައި ވަޅިއެއްވެސް އޮތް ކަމަށް ބުންޏެވެ.

ހެކިވެރިޔާ ބުނިގޮތުގައި އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރަށް ހަމަލާދީ ހިންގި މާރާމާރީގައި ޝަރަފާއި މާޒިންގެ އިތުރަށް ކުޑަކުއްޖާވެސް ބައިވެރިވިއެވެ.

ހެކިބަސް ދެމުން ސިއްރު ހެކިވެރިޔާ 2 އަދި ސިއްރު ހެކިވެރިޔާ 11 ވަނީ އުދައްޔުގެ ބުރައްކައްޓަށް މާޒިން ހަމަލާ ދެނިކޮށް ފެނުނު ކަމަށެވެ. އަދި މައްސަލާގައި ހިމެނޭ ކުއްޖާގެ އިތުރަށް މާޒިނާއި ޝަރަފް އަތުގައިވެސް ވަޅިއެއް އޮތް ކަމަށް ސިއްރު ހެކިވެރިޔާ 11 ބުނެފައިވެއެވެ.

ހެކިބަސް ދެމުން ސިއްރު ހެކިވެރިޔާ 3 ބުނެފައިވަނީ، މާޒިންއާއި ކުޑަކުއްޖާ އުދައްޔުއަށް އަތުން ހަމަލާދިން މަންޒަރު ފެނުނު ކަމަށާއި މަޒީންއާއި ޝަމީމު އަތުގައި ތޫނު އެއްޗެއް އޮއްވައި ފެނުނު ކަމަށާއި އެެއީ ވަޅިއަކާ ވައްތަރު އެއްޗެއް ކަމަށެވެ.

އަޑުއެހުމުގައި ދައުލަތުން ވަނީ، ހެކިވެރިންނަށް ބިރުދައްކަމުންދާ ކަމުގެ މައުލޫމާތު ތަކުރާރުކޮށް ލިބެމުންދާ ކަމަށާއި އެކަމާ ގުޅިގެން ހެކިން ހާޒިރުކުރަން ދަތިވާ ކަމަށެވެ.

އުދައްޔުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި އިރު، އެކަމުގައި ބައިވެރިވި ޑޮކްޓަރަކު މި މައްސަލާގައި ހެކިބަސް ދެމުން ބުނެފައިވާ ގޮތުން، އުދައްޔު މަރުވީ ހިތުން ލޭ ފޮނުވާ މައިނާރު ކަފައިގެން ގޮސް ފުއްޕާމެއަށް ލޭ އެޅިގެންނެވެ.