ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ކޮންކުރީޓު ގަލުގެ ފުރަތަމަ ޝިޕްމެންޓް އެރަށަށް ގެންގޮސްފިއެވެ.

ކަމަދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، ކަމަދޫ ބަނދަރުގެ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ.

ކަމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 25,636 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 180 މީޓަރުގެ ސަރަހައްދެއްގެ ބޭރު ތޮށިލުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އަދި 628 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި ޕޭވްމަންޓެއް ހެދުމާއި ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.

ޖުމުލަ 47.01 މިލިއަން ރުފިޔާގެ އެ މަޝްރޫއު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

އެ މަސައްކަތް ނިންމަން އެމްޓީސީސީއަށް ދީފައިވާ މުއްދަތަކީ 400 ދުވަހެވެ.