ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އަރާފައިވާ ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ) އިން ފަރަށް ލިބުނު ގެއްލުން ބެލުމަށް ބުރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ހަދާ ސާވޭގެ ރިޕޯޓު ބަލައިނުގަންނާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތަށް ބޭނުންކުރަމުން އައި އެ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ދަންވަރު 2:45 ހާއިރެވެ. އެ ޕްލެޓްފޯމް ފުންކޮށްފައިވަނީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. ޕްލެޓްފޯމް ފުން ކުރެވެމުން މިދިޔަ މަހުގެ އެއްވަނަ ދުވަހު އީޕީއޭއިން ވަނީ ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ސާވޭ ކުރަން ފަށައިފައެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް "ވަން"އަށް މިރޭ ވިދާޅުވީ، އެފަދަ ބޮޑެތި މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކުން ހަދާ ސާވޭތައް ގަބޫލުނުކުރާނެ ކަމަށެވެ. އަދި ސަރުކާރުން ގަބޫލުކުރާނީ ސަރުކާރުގެ ކަމާގުޅޭ އިދާރާއިން ހަދާ ސާވޭގެ ރިޕޯޓު ކަމަށް ނައީމް ވިދާޅުވިއެވެ.
"ސަރުކާރުން ކޮންމެ ކޮންމެ ބަޔަކު ހަދާ ރިޕޯޓެއް ބަލައެއް ނުގަންނާނެ. ސަރުކާރުން ގަބޫލުކުރާނީ އެކަމާ ގުޅޭ ސަރުކާރު އިދާރާއިން ތައްޔާރުކުރާ ރިޕޯޓު،" ނައީމް ވިދާޅުވިއެވެ.
ނައީމް ވިދާޅުވީ ސާވޭކުރުމުގެ ނަމުގައި ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ މަރުހަލާ ދިގު ދަންމާލުމުގެ ފުރުސަތު އެފްކޮންސްއަށް ނުދޭނެ ކަމަށާއި މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކުން ސާވޭ ކުރަން ވަރަށް ގިނަ ދުވަސް ވެސް ހޭދަކޮށްފާނެ ކަމަށެވެ. އަދި އެފްކޮންސްއަށް ސާވޭ ކުރުމުގެ ހުއްދަ ދިނީ އެފަދަ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކަށް ސާވޭ ކުރުމުގެ ހައްގު އޮންނާތީ ކަމަށް ނައީމް ވިދާޅުވިއެވެ.
ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުން ބަލައި އީޕީއޭއިން ތައްޔާރުކުރި ރިޕޯޓު ބަލައިނުގަންނާނެ ކަމަށް އެފްކޮންސްއިން ވަނީ އީޕީއޭއަށް އަންގައިފައެވެ.
މިދިޔަ އާދިއްތަ ދުވަހު ނައީމް "ވަން"އަށް ވިދާޅުވެފައިވަނީ، އީޕީއޭއިން ތައްޔާރުކުރި ސާވޭގެ ރިޕޯޓު ބަލައިނުގަތުމުގެ ހައްގު އެފްކޮންސްއަށް ލިބިގެންވާ ކަމަށާއި ވިލިމާލޭ ފަރުގެ ސާވޭ ކުރުމުގެ ހުއްދަ މިހާރު އެފްކޮންސްއަށް ދީފައިވާ ކަމަށެވެ. އަދި އެ ހުއްދަ ދިނީ އެފްކޮންސްއިން ފަރު އަލުން ސާވޭކުރަން ބޭނުންވާކަން އެންގުމުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"އެފްކޮންސްއިން ރިޕޯޓު ބަލައިނުގަނެ އެއާ ދެކޮޅު ހެދުމަކީ އެމީހުންނަށް ލިބިގެންވާ ހައްގެއް،" ނައީމް ވިދާޅުވެފައިވެއެވެ.
ނައީމް ވިދާޅުވެފައިވަނީ އީޕީއޭއާ ގުޅިގެން ފަރު ސާވޭ ކުރުމުގެ ފުރުސަތު އެފްކޮންސްއަށް ދިން ނަމަވެސް އެ ކުންފުނިން ސާވޭ ކުރުމުގައި ބައިވެރިވެފައި ނުވާ ކަމަށެވެ. އަދި އީޕީއޭއިން ތައްޔާރުކުރި ރިޕޯޓު ބަލައިނުގަނެ އަލުން ސާވޭ ކުރަން ބޭނުންވާކަން އެފްކޮންސްއިން ދެ ހަފުތާ ކުރިން އަންގާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
"އެފްކޮންސްއަށް މިހާރު ވަނީ ސާވޭ ކުރުމުގެ ހުއްދަ ދީފައި. އެމީހުންނަށް މާ ކުރިން ވެސް ވަނީ ސާވޭ ކުރުމުގެ ހުއްދަދީފައި. އެމީހުން އެބަ ބުނޭ އީޕީއޭއިން ޑެމޭޖް ސަރަހައްދު ބެލިގޮތް ގޯހޭ، މާ ބޮޑުކޮށޭ ބަލާފަ އެހުރީ ޑެމޭޖުވި ސަރަހައްދު،" ނައީމް ވިދާޅުވެފައިވެއެވެ.
އީޕީއޭއިން ތައްޔާރުކުރި ރިޕޯޓަށް ޖަވާބުދާރީވުމަށް އެފްކޮންސްއަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާނެ ކަމަށާއި އެ މުއްދަތު އަދި ހަމަނުވާ ކަމަށް ނައީމް ވިދާޅުވެފައިވެއެވެ. ފަރަށް ލިބުނު ގެއްލުމުގެ ރިޕޯޓު އާންމު ނުކުރަނީ އެހެންވެގެން ކަމަށް ވެސް ނައީމް ވިދާޅުވެފައިވެއެވެ.
އެފްކޮންސް އިން ތަރައްގީކުރާ ބުރިޖުގެ ޕްލެޓްފޯމު ފުންކުރަން 12 ދުވަސް ނެގި އިރު، ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދިޔަ ގެއްލުމާ މެދު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އީޕީއޭއިިން ވިލިމާލޭ ފަރު ސާވޭ ކުރުމަށްފަހު ވަނީ ފަރުގެ ފޮޓޯތަކެއް އާންމުކޮށްފައެވެ. އެ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ ސާވޭ ކުރާ ޓީމުގެ މެމްބަރަކު ވަޅުގަނޑުގެ ތެރެއަށް ފީނައި ކޮޅަށް ހުންނަ މަންޒަރެވެ. ފޮޓޯއިން ފެންނަ ގޮތުގައި އޭނާ ހުރީ ވަޅުގަނޑުގެ އެންމެ ފުނުގައެވެ.
ދެން އާންމުކުރި ފޮޓޯތަކުން ފެންނަނީ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރުގަނޑު ކަނޑައިގެން ގޮސްފައިވާ ތަންތަނެވެ. އެ ވަޅުތަކުގެ ފުންމިނާއި އަދި ފުޅާ މިނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އީޕީއޭއިން ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު