މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރު ކަަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް އިންތިހާބާ ގުޅިގެން ކުރަންޖެހޭ ކަންކަން ނުނިމި ހުރުމުން އޮގަސްޓް މަހުގެ 25 ވަނަ ދުވަހު އެ އިއުލާން ވަނީ ބާތިލުކޮށްފައެވެ.
އެމްއެމްސީގެ މެންބަރު ކަމަށް ހުޅުވާލީ އެ ކައުންސިލުގައި މިހާރު ތިބި 13 މެންބަރުންގެ ދައުރު މި އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހަށް ހަމަވާތީއެވެ.
އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައި ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެމްއެމްސީގެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުން މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އެހެނިހެން ލިޔުންތައް މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:30ގެ ކުރިން https://www.gov.mv/MoHA އަށް މެއިލްކުރުން އެދޭ ކަމަށެވެ.
"މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގައި ބުނާ ގޮތުން އެމްއެމްސީގެ މެންބަރަކަށް އިންތިހާބުވާ މީހަކަށް އެ މަގާމުގައި ހުރެވޭނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އެއްވެސް މެންބަރަކަށް ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެއެވެ.
- ދިވެއްސަކު ކަމުގައިވުން
- އުމުރުން 18 އަހަރު ފުރިފައިވުން
- އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުުވުން
- މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ވޭތުވެދިޔަ ދެ އަހަރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- މުޖުތަމައު ބަލައިގަންނަ މިންގަނޑުތަކުން އަބުރުވެރި އަހުލާގު ރަނގަޅު މީހެއްކަމުގައިވުން
- ފާއިތުވި 12 މަސް ދުވަހު އެ މީހަކު ނޫސް މަޖައްލާއެއްގައި ލިޔުނު އެއްޗަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
މީޑިއާ ކައުންސިލުގައި މީޑިއާ ތަމްސީލުކުރުމަށް ކެނޑިޑޭޓުން ހުށަހަޅާނީ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ނޫސްތަކާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދީފައިވާ ބްރޯޑްކާސްޓަރުންގެ މަސްއޫލުވެރި ފަރާތުންނެވެ. އަދި ކޮންމެ މަސްއޫލު ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ކެނޑިޑޭޓެވެ.
އެމްއެމްސީއަށް އައްޔަންކުރަން ޖެހޭނީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި އާންމު ހަ މެންބަރުންނެވެ. އެގޮތުން އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާއި ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހުންނެވެ.
އާއްމު މެންބަރުން ހޮވުމުގައި ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއިން ނުވަތަ އިޖުތިމާއީ ސައިންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކާއި އިޖުތިމާއީ ތަރައްގީއާއި ދުޅަހެޔޮ ކަމަށް މަސައްކަތް ކޮށްދީފައިވާ ފަރާތްތަކަށް އިސްކަންދޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު