ހުޅުމާލޭގައި ފުރަތަމަ ފަހަރަށް ނަފުސާނީ ބަލިތަކަށް ހާއްސަ ފަރުވާދޭ ކުލިނިކެއް ހުޅުވައިފިއެވެ.
އަމިއްލަ ކުންފުންޏެއް ކަމަށްވާ އެންގްރޯތު ޕްރައިވެޓް ލިމިޓެޑުން "ނަފްސް ސައިކޮލޮޖިކަލް ސާވިސަސް"ގެ ނަމުގައި ހުޅުމާލޭގައި އަލަށް ހުޅުވި މި ކުލިނިކު ހުންނާނީ ދެވަނަ ފިޔަވަހީގެ ހިޔާ 11 ވަނަ ޓަވަރުގައެވެ. މިއީ އެކުންފުނީގެ ފުރަތަމަ ކުލިނިކުވެސް މެއެވެ.
އެންގްރޯތުގެ ކޯ ފައުންޑަރު، ފާތިމަތު ޝަހީނާ މިއަދު 'ވަން' އަށް ވިދާޅުވީ ނަފްސް ސައިކޮލޮޖިކަލް ސާވިސަސް އިން ރާއްޖޭގައި ނަފުސާނީ ބަލި ތަހައްމަލުކުރަމުންގެންދާ އެންމެހާ ފަރާތްތަކަަށް ބޭނުންވާ ހާއްސަ ފަރުވާ ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކުލިނިކުގެ އިންޓީރިއާ އާއި ފަރުވާދޭ ކޮޓަރިތައް ފަރުމާކޮށްފައިވާނީ ބަލިމީހާއަށް ގެއެއްގެ މާހައުލާއި ރައްކާތެރިކަން އިހުސާސް ކުރެވޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަފްސް ސައިކޮލޮޖިކަލް ސާވިސަސް އިން މިހާރު އާންމުންނަށް ހިދުމަތްދޭން ވަނީ ފަށައިފައެވެ. އެ ކުލިނިކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ނަފުސާނީ ތެރެޕީ ދިނުމާއި ނަފުސާނީ އެސެސްމެންޓު ހެދުން ހިމެނެއެވެ. އެގޮތުން ފަރުވާދޭ މައްސަލަތަކުގެ ތެރޭގައި:
- އަހުލާގީ މައްސަލަތައް
- އުނގެނުމުގެ މައްސަލަތައް
- ނިދުމުގެ މައްސަލަތައް (އިންސޮމްނިއާ އަދި ހައިޕާސޮމްނިއާ ފަދަ މައްސަލަތައް)
- އާދަޔާ ހިލާފަށް ވަރުބަލިވުން
- ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި ކުރިމަތިލާން އުނދަގޫވުން/ފިކުރު ބޮޑުވުން
- ކެއުމަށް އަންނަ ބޮޑެތި ބަދަލުތައް (ކާހިތްނުވުން/ގިނައިން ކާހިތްވުން)
- ރުޅި ކޮންޓްރޯލުކުރަން އުނދަގޫވުން
- އާއިލީ މައްސަލަތައް
- ދަރިން ތަރުބައްޔިތުކުރުމުގައި ދިމާވާ މައްސަލަތައް
- ކައިވެނީގެ ކުރިންނާއި ފަހުން ދިމާވާ މައްސަލަތައް
- އެޑިކްޝަން
- އަމިއްލަ ނަފުސަށް އަނިޔާދިނުން
- އާއްމު ދިރިއުޅޭ ނޭދެވޭ އަސަރުކުރާ ކަންކަން ފަދަ މައްސަލަތަކަށް ތެރެޕީ ދިނުމާއި ނަފުސާނީ އެސެސްމެންޓު ހެދުން
ޝަހީނާ ވިދާޅުވީ ނަފްސް ސައިކޮލޮޖިކަލް ސާވިސަސް އިން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ކުލިނަކަށް ގުޅައިގެން މިހާރު އެޕޮއިންޓްމެންޓު ހެއްދޭނެ ކަމަށެވެ. އަދި ނަފުސާނީ އެސެސްމެންޓުގެ ބައެއް ހިދުމަތްތައް އަތޮޅުތަކަށް ފޯރުކޮށްދިނުމަށް ރާވާފައިވާ ކަމަށާއި ވަރަށް އަވަސް މުސްތަގުބަލެއްގައި އާސަންދަ އާއި ނޫސަންދަ އަދި އިތުރު އިންޝިއުރަންސް މެދުވެރިކޮށް ފަރުވާ ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެ ހުޅުވި ނަފްސް ސައިކޮލޮޖިކަލް ސާވިސަސް ކުލިނިކަކީ ދެވަނަ ފިޔަވަހީގައި ހުޅުވައި ހިންގަމުން އަންނަ ސިއްހީ ފަރުވާދޭ ދެވަނަ ތަނެވެ. އެ ސަރަހައްދުގައި ސިއްހީ ހިދުމަތް ދިނުމަށް ފުރަތަމަ ކުލިނިކެއް ހުޅުވީ މިދިޔަ ޖޫން މަހުގައެވެ. ޕައިތޮން ޕްރައިވެޓް ލިމިޓެޑުން "ހިޔާ މެޑިކަލް ސެންޓަރު"ގެ ނަމުގައި ހުޅުވި އެ ކުލިނިކު ހުންނަނީ ހިޔާ 12 ވަނަ ޓަވަރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު