ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރޭގައި ބައެއް މެންބަރުން ޑްރަގް ބޭނުންކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ، މަޖިލީހަކީ ބިނާކުރަނިވި ހިޔާލު ފާޅުކުރެވޭ އަދި ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ވާހަކަދައްކައި މަޝްވަރާކޮށްގެން ހައްލު ހޯދޭ ތަނަކަށްވާންޖެހޭ ކަމަށެވެ.

މަޖިލީހަކީ ޒާތީ ތައައްސަބާއި ނަފުރަތާއި ރުޅިވެރިކަމުގައި ޒުވާބުކުރާ އަދި ގައުމު ސުންނާފަތިވިޔަސް ވަރިހަމަ ކަމަށް ޖާގަ ދީގެން ތިބޭތަނަކަށް ވެގެންނުވާނެ ކަމަށާއި ނަމަވެސް މަޖިލިހުގައި ކަންކަން ހިނގަމުންދަނީ އެފަދަ ގޮތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ހިސާބުން ޝަރީފުގެ ވާހަކަ މެދުކަނޑުއްވާލެއްވުމަށްފަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެންބަރު ޝަރީފުގެ ވާހަކަ މަޑުޖައްސާލުމަށް ނުވަތަ ރަނގަޅު މަގުގައި ބެހެއްޓުމަށް ދަންނަވާ ކަމަށެވެ. އަދި ޝަރީފު އެ މަގަށް އަމަލު ކުރެއްވުމުން ކަންކަން ވަަރަށް ރަނގަޅު މަގެއްގައި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ރައިސް ނަޝީދުގެ ވާހަކައަށް ރައްދުދެއްވަމުން ޝަރީފު ވިދާޅުވީ، މަޖިލީހަކީ ޑުރަގް އައްޑާއަކަށް ވެގެންނުވާނެ ކަމަށެވެ. އަދި މަޖިލީހުގެ ގޯތިތެރޭގައި ފާޅުގައި ޑްރަގް ބޮއެގެން މަސްތުގެ ހާލަތުގައި މީހުންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުމުގެ ފުރުސަތު މަޖިލީހުން ދީގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އިއްޒަތްތެރި މަޖިލީހަކީ ޑުރަގުގެ އައްޑާއަކަށް ވެގެނެއްނުވާނެ. މަޖިލީހުގެ ގޯތިތެރޭގައި ފާޅުގައި ޑުރަގް ބޮއިގެން މަސްތުގެ ހާލަތުގައި މިތަނަށް އައިސް މީހުންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުމުގެ ފުރުސަތު މިތަނުގައި ދެވިގެންނުވާނެ، މިތަނުގައި އެބަޖެހޭ ބްރެތު އެނަލައިޒާއެއް (މަސްތުގެ ހާލަތުގައި ހުރިކަން ދެނެގަންނަ މެޝިނެއް) ހަރުކުރަން. ހިތާމައާއެކު ދަންނަވަންޖެހެނީ ބައެއް އިއްޒަތްތެރި މެންބަރުން މަސްތުގެ ހާލަތުގައި ހިތުހުރި އެއްޗެސް ގޮވަމުންދާކަން،" ޝަރީފް ވިދާޅުވިއެވެ.

އެ ތުހުމަތުތަކަށް ރައްދުދެއްވައި ރައީސް ނަޝީދު ވިދާޅުވީ، ޝަރީފު އެ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަދަރާއި އިއްޒަތް ނަގައިލުމަށް، ސާބިތު ނުހިފޭ ބާވަތުގެ ވާހަކަ ދެއްކެވުން ކަމަށެވެ.

"މިތަނުގައި (ރައްޔިތުންގެ މަޖިލީހުގައި) ޑުރަގެއް ނުގެންގުޅޭނެ، މިތަނުގައި މަސްތުވާ ތަކެއްޗެއް ނުގެންގުޅޭނެ، މިއީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.