ބޭރުގެ ބޮޑެތި ބައެއް ހޮޓާ ބްރޭންޑްތަކަށް ރާއްޖޭގައި އިންވެސްޓްކުރަން ޓޫރިޒަމް މިނިސްޓްރީން ދައުވަތު ދީފިއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ބައިނަލްއަގުވާމީ އެއާލައިންތަކާއި ބްރޭންޑްތައް އަދިވެސް ރާއްޖެ ގެންނަންޖެހޭ ކަމަށެވެ.
އެގޮތުން މިހާރުވެސް ބައެއް ބޮޑެތި ހޮޓާ ބްރޭންޑްތަކަށް ރާއްޖޭގައި އިންވެސްޓްކުރަން ދައުވަތު ދީފައިވާ ކަމަށާއި އެ ކުންފުނިތަކުން އެކަމާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބުނެފައިވާނެ އެބޭފުޅުން ރާއްޖޭގައި އިންވެސްޓް ކުރަންޏާ އެބަހުރިކަން ޑިވެލޮޕްކުރަން ފުރުސަތު ހުރި ދިމަދިމާ. އެ ބޭފުޅުން މިހާރު ދަނީ އެކަން ރިވިއުކުރަމުން. އެގޮތުން އެ ކުންފުނިތަކުގެ ވެރިން ރާއްޖެ އައިސް އެކަންކަން ބަލަމުން އަންނަނީ،" ވަކި ކުންފުންޏެއްގެ ނަން ފާހަގަނުކޮށް މިނިސްޓަރު ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކޮރެއާގެ ކުންފުންޏަކާއި އެމެރިކާގެ ކުންފުންޏަކަށް ރާއްޖޭގައި އިންވެސްޓްކުރަން ވަނީ ދައުވަތު ދީފައެވެ.
މިނިސްޓަރު ވިދާޅުވީ، ގައުމުތަކާއެކު އޮންނަ ބައިނަލްއަގުވާމީ ގުޅުން ވަރުގަދަކުރުމަކީވެސް ފަތުރުވެރިކަމަށް ފަހިވާ ކަމެއް ކަމަށެވެ. އަދި ދުނިޔެއަށް އަންނަ ބަދަލުތަކަށް ރާއްޖޭގެ ފަތުރުވެރިކަންވެސް ބަދަލުވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެއަކީ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށް ގެންދެވޭނެ ކަމަށާއި ފަތުރުވެރިންނަށް ބޭނުންވާ "އެކްސްކުލޫސިވް" ޗުއްޓީގެ ފުރުސަތު ރާއްޖެއިން ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު