ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުމުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީއާ ދެބޭފުޅުން އެކަކު އަނެކަކަށް ބޮޑެތި ތުހުމަތުތަކެއް އަޅުވައިފިއެވެ.
މިކަން ހިނގީ ފަނޑިޔާރުންގެ ގާނުނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގެ ބަހުސްގެ ތެރެއިންނެވެ.
މި ބަހުސްގައި ލިބުނު ފުރުސަތުގެ ތެރެއިން ވާހަކަ ފައްޓަވަމުން ޖާބިރު ވިދާޅުވީ، މި މަޖިލީހުގައި 16 މެންބަރަކު ވައްކަން ކޮށްގެން ތިބި ވާހަކަ އަޑުއެއްސެވި ކަމަށާއި އެފަދަ މެންބަރުން މަޖިލީހުގައި ތިބެއްޖެ ނަމަ އޭނާގެ ގަޔަށްވެސް އެ ބަލި އަރައިފާނެ ކަމުގެ ބިރުގަންނަ ކަމަށެވެ.
އަދި ކޯޓަށް ފަނޑިޔާރުން ކަނޑައަޅަނީ މަޖިލީހުން ކަމަށްވާއިރު، މަޖިލީހުގައި ތިބޭ 16 "ވަގުންގެ" ވޯޓާއެކު މަޖިލީހުގައި އެއްވެސް ކަމެއް ނުހިނގާނެ ކަމަށާއި އެހެންކަމުން މަޖިލީހުގައި ވައްކަންކޮށްގެން ތިބީ ކޮން ބައެއްތޯ މަޖިލިސް ރައީސް ހާމަކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޝަރީފަށް ނިސްބަތް ކުރައްވައި ޖާބިރު ވިދާޅުވީ، ޝަރީފް 88 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށާއި ކުލި ނުދެއްކިގެން މީހުން އުޅޭއިރު އެއީ ތަންކޮޅެއް ބޮޑުވަރު ކަމަށެވެ. އަދި އޭނާ ވަގު ފައިސާ ނަގައިގެން 10 ބުރިއަށް ބިލްޑިންއެއް ހެދިކަމަށް ތުހުމަތުކޮށް، އެ ހިސާބުން އިއްޒަތްތެރި މެންބަރެކޭ ނުކިޔޭނެ ކަމަށާއި މަރަދޫ ރައްޔިތުން ވެގެން ޝަރީފު ބޭރުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެެވެ.
ޖާބިރު ވިދާޅުވީ، ވައްކަންކުރި 16 މެންބަރުން މަޖިލީހުން ނުކުންނެވުމުން ނޫނީ ދެން އޭނާ މަޖިލީހަށް ވަޑައިނުގަންނަވާނެ ކަމަށެވެ. އެހެން ވިދާޅުވެ ޖާބިރު ތަޅުމުން ނުކުމެވަޑައިގަންނަވަން ހިންގަވައިގަތެވެ.
ޖާބިރުގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެހެން މެންބަރުންގެ ބޮލުގައި ވައްކަމުގެ ތުހުމަތު އަޅުވާއިރު، މުޅި މަޖިލީހަށް ނިސްބަތްކޮށް އެގޮތަށް ވާހަކަ ދެއްކުމަކީ މަޖިލިސް ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށެވެ.
އަދި ވާހަކަދައްކަވާފައި ކުއްލިއަކަށް ތަޅުމުން ނުކުމެވަޑައިގަތުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށާއި ގަވާއިދުގައި އޮންނަނީ ވާހަދައްކާ ނިމުމުން ގޮނޑިކޮޅުގައި އިށީންނެވުމަށްފަހު ތަޅުމުން ނުކުމެވަޑައިގެންނެވޭ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް އެހެން ވިދާޅުވުމުން އެނބުރި ގޮނޑިކޮޅަށް ވަޑައިގެން ޖާބިރު އަނެއްކާވެސް ވާހަކަދައްކަން ފެއްޓެވިއެވެ. ވިދާޅުވީ ފަނޑިޔާރުގެއަކީ ދައުލަތުގެ އަމާނާތެއް ކަމަށާއި ވަގުތު ސަލާމަތްކުރުމަށް ފަނޑިޔާރުގެ ހަވާލުކުރަންވީ ބޭރު ކުންފުންޏަކާ ކަމަށެވެ. އަދި ރާއްޖޭގެ އުއްތަމަފަޑިޔާރަށް ޖާބިރު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ޖާބިރުގެ ވާހަކަތަކާ ގުޅިގެން ނިޒާމީ ނުކުތާ ނަންގަވައި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބުދުލް މުގުނީ ވިދާޅުވީ، އުއްތަމަ ފަނޑިޔާރަށް ނިސްބަތްކޮށް ޖާބިރު ދެއްކެވި ވާހަކަތަކަކީ ނިޒާމީ ނުކުތާ ނަގަންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ރިޔާސަތުން ހުއްޓުވަންޖެހޭ ކަމެއް ކަމަށެވެ.
އެކަމަށް ތާއީދުކުރައްވާ މަޖިލިސް ރައީސް ވިދާޅުވީ، އުއްތަމަފަނޑިޔާރާ ގުޅޭ ގޮތުން އެ ބާވަތުގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. ނަމަވެސް ޖާބިރު ވިދާޅުވީ، މަޖިލީހުގައި ދެއްކެންޖެހޭ ވާހަކައާއި ދައްކަންނުޖެހޭ ވާހަކަ ގާނޫނުއަސާސީގައި އޮންނާނެ ކަމަށެވެ.
ޝަރީފް ނިޒާމީ ނުކުތާ ނެންގެވީ އެހިސާބުންނެވެ. ފުރަތަމަވެސް ވިދާޅުވީ، ދުނިޔޭގައި އުފެދުނު ފުރަތަަމަ އަލަމްގިރިއަކީ ޖާބިރު ކަމަށާއި ވައްކަން ކޮށްގެން އަރުވާލި މީހުންގެ ތެރެއިން މަޖިލީހުގައި މިހާރު ހުންނެވި ހަމައެކަނި މެންބަރަކީވެސް ޖާބިރު ކަމަށެވެ. އަދި ޖާބިރަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު ވަގު ކަމަށާއި އޭނާއަކީ "އިޓަލީ ފިރިހެނަކާ ހިތާވެގެން އިޓަލީއަށް ދިޔަ ވަގު" ކަމަށްވެސް ޝަރީފު ތުހުމަތުކުރެއްވިއެވެ.
ޝަރީފުގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، އެއް މެންބަރަކު އަނެއް މެންބަރަކާ ގުޅޭ ގޮތުން މަޖިލިސް ތަޅުމުގައި އެބާވަތުގެ ވާހަކަދައްކަން ފުރުސަތެއް ނުދެވޭނެ ކަމަށާއި އެ މޭރުމުން ވާހަކަ ދައްކާ ނަމަ، ޝަރީފާއި ޖާބިރު މަޖިލިސް ދޫކޮށްވަޑައިގަތުމަށް ދަންނަވަން ޖެހިދާނެ ކަމަށެވެ.
ރިޔާސަތުން އިންޒާރު ދެއްވުމުންވެސް ޝަރީފާއި ޖާބިރު، ދެ މެންބަރުންކުރެ އެއް މެންބަރަކުވެސް ދޫދޭކަން ބޭނުމެއް ނުވިއެވެ.
އެގޮތުން ޖާބިރަށް ނިސްބަތްކުރައްވާ ޝަރީފް ވިދާޅުވީ، އިންސާނާގެ ލަދުހަޔާތް ކެނޑިޖެއްޔާ ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ ކަމަށެވެ. އަދި އޭނާއަކީ އެއްވެސް އިރެއްގައި ވައްކަން ކޮށްގެން ތަނަކަށް ހާޒިރުކޮށްފަ ހުރި މީހެއް ނޫން ކަމަށާއި އެއާ ހިލާފަށް ޖާބިރަކީ "ވައްކަން ކޮށްގެން، ރާ ބޮއެގެން ފިލާ ހުރި މީހެއް، ޝަރީއަތަަށް ނުގޮސް އެކަމަށްވެސް އަރުވާލާފައިވާ މީހެއް،" ކަމަށް ވިދާޅުވިއެވެ.
ޝަރީފާއި ޖާބިރު ރައްދުކުރި ބޭއަދަބީ ބަސްތަކާ ގުޅިގެން އެންމެފަހުން މަޖިލިސް ރައީސް ވިދާޅުވީ، ހުތުރު ބަސްތަކުން ވާހަކަ ނުދެއްކެވުމަށް ދެ މެންބަރުންނަށް ތަކުރާރުކޮށް ދަންނަވާ ކަމަށެވެ. އަދި އެއީ މަޖިލިސް ގަވާއިދު ތަން ދޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެ ދެ މެންބަރުންގެ ރައްދު ދިނުންތައް ނިމުނީ އެހިސާބުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު