އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ހޭނާރާ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރިން މަގުމަތީގެ އެއް ފަރާތުން ހިނގާފައިދިޔަ ހިތަދޫ/ މަބުރޫކުގެ، މުހައްމަދު އަހުމީމު، 41އ ގައިގައި ކެރޭނު ލޮރީއަކުން ޖެހިގެންނެވެ.

އަހުމީމަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އިކުއެޓޯރިއަލް ހޮސްޕިޓަލުންނެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާ ދެމުންއައީ އައިޖީއެމްއެޗުގެ އައިސީޔޫގައެވެ.

އޭނާގެ އާއިލާގެ މީހަކު "ވަން" އަށް މިއަދު ބުނި ގޮތުގައި އަހުމީމަށް އަދިވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށާއި އޭނާ ހޭނާރާ ކަމަށެވެ. އަދި އަހުމީމުގެ ތިން އޮޕަރޭޝަނެއް މިހާތަނަށް ކޮށްފައިވީ ނަމަވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ބުންޏެވެ.

"އަހުމީމު ހެޔެއް ނާރާ، އިންފެކްޓުވެފައި ހުރީމަ ހުން ގަދަވެ އެންޓިބަޔޮޓިކް ދޭ. އެކަމަކު އެއްވެސް ވަރަކަށް ހުން މަޑެއް ނުވޭ. ލަގޮނޑި ދުޅަވުމުގެ ސަބަބުން ޑޮކްޓަރުން ބޭސް ދިނުން ހުއްޓާލައިފި،" އާއިލާ މެންބަރު ބުންޏެވެ.

އޭނާ ބުނީ އަހުމީމު ގޮވައިގެން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން އާއިލާއިން ބޭނުންވާ ކަމަށާއި ނަމަވެސް އެވަރުގެ ތަނަވަސްކަމެއް އެ އާއިލާގައި ނެތް ކަމަށެވެ. އެހެންކަމުން އެކަމުގައި އާންމުންގެ އެހީއަށް ވަނީ އެދިފައެވެ.

އަހުމީމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން އޭނާގެ ބައްޕަ އަހުމަދު މޫސާގެ އެކައުންޓް 7708501888101 އަށް ފައިސާ ޖަމާކުރުމަށް ވަނީ އެދިފައެވެ.