ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ސަރުކާރުން ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައި ދީބާޖާއަށް އެކަމުުގެ ބަދަލު ދޭނެ މިންވަރު ސިވިލް ކޯޓުން އަލުން ކަނޑައެޅުމަށް އެ މައްސަލަ ހައިކޯޓަށް ތަހުވީލުކުރުމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސް (ނ، ރ، ބ އަދި ޅ އަތޮޅު) ގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި ދީބާޖާއާއެކު ސަރުކާރުން ސޮއި ކުރީ އެކެއް ފެބްރުއަރީ، 2010 ގައެވެ. ނަމަވެސް އެއްްބަސްވުމުގައި ވާގޮތަށް ދީބާޖާއިން ހިދުމަތް ދެމުން ނުދާ ކަމަށްބުނެ 30 މޭ 2013 ގައި އެ އެއްބަސްވުން ދައުލަތުން ބާތިލުކުރިއެވެ.

އެކަމާ ގުޅިގެން އެއްބަސްވުން ބާތިލު ކުރީ އެއްބަސްވުމުގެ ދަށުން މިނިސްޓްރީއަށް ލާޒިމުވެގެންވާ އިލްތިޒާމުތައް ފުރިހަމަނުކޮށް ކަމަށްބުނެ، ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، ދީބާޖާއަށް ލިބުނު ސީދާ މާލީ ގެއްލުމަކީ 2.4 ބިލިއަން ރުފިޔާ ކަމަަށާއި، އެ ފައިސާ އެކީ އެއްފަހަރާ ދައުލަތުގެ ކިބައިން ނަގައިދިނުމަށް އެދި ދީބާޖާއިން ސިވިލް ކޯޓުގައި ދައުވާކުރިއެވެ.

މި މައްސަަލަ ބެލުމަށްފަހު 2014 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، ދީބާޖާއިން ނަގައިދިނުމަށް އެދިފައިވާ 2.4 ބިލިއަން ރުފިޔާއަކީ މުސްތަގުބަލުގައި ލިބޭނެކަމަށް ލަފާކޮށް ތައްޔާރު ކޮށްފައިވާ ހިސާބުތަކެއް ކަމަށް ވާތީ އާއި، މި ހިސާބުތައް ތައްޔާރު ކުރިއިރު ހުރި އަގުން މިން ކުރާއިރު، ހިސާބުތައް ތައްޔާރު ކުރިއިރު ހުރި އަގަކީ 6.9 މިލިއަން ރުފިޔާ ކަމާއި، މި އަދަދު އެއްބަސްވުމުގެ މުއްދަތު ކަމަށްވާ 50 އަހަރަށް ގުނަ ކުުރުމުން އަންނަ 348.9 މިލިއަން ރުފިޔާއަކީ ބަދަލުގެ ގޮތުގައި ދީބާޖާއަށް ދޭންޖެހޭ މިންވަރު ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ގާނޫނާއި، އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފު ކަމަށް ބުނެ ދައުލަތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލައިގައި 2015 ވަނަ އަހަރު ހައިކޯޓުން ހުކުމްކުރީ ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ، އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށެެވެ. އެ މައްސަލަ ހައިކޯޓުގައި ހިނގަމުންދިޔަ އިރު، އެއީ އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައވާ މުއްދަތު ފަހަނައަޅާ ދިޔަފަހުން ހައިކޯޓުން ބަލައިގަނެފައިވާ މައްސަލައެއް ކަމަށް ދީބާޖާއިން ބުނަމުން ގެންދިޔައެވެ.

އެހެންކަމުން ހައިކޯޓުގެ އެ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ބުނެ، ދީބާޖާއިން ހައިކޯޓުގެ ހުކުމް ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބެލުމަށްފަހު 2018 ވަނަ އަހަރު ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރިއެވެ. އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ އެ ހުކުމް ރިވިއުކޮށްދިނުމަށް އެދި ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ދައުލަތުން އެދުނުގޮތަށް ހުކުމް ރިވިއު ކުރުމަށްފަހު، ހައިކޯޓުގެ ހުކުމް ބާތިލު ކުރި ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް އެ ކޯޓުން 2021 ވަނަ އަހަރު ބާތިލުކުރިއެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންނަމަ އެ ފުރުސަތު ދިނުމަށްވެސް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.

އެހެންކަމުން ދީބާޖާއިން ދެވަނަ ފަހަރަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ބެއްލެވި މި މައްސަލައިގެ ރިޔާސަތުން ފަނޑިޔާރު އަލީ ރަޝީދު އިއްވި ހުކުމުގައި ވަނީ، ދީބާޖާއާއެކު ވެފައިވާ އެއްބަސްވުން ދައުލަތުން ބާތިލުކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އަދި އެކަމުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާއަށް 348.9 މިލިއަން ދިނުމަށް ހުކުމްކޮށްފައިވަނީވެސް ގޯސްކޮށް ކަމަށެވެ. ނަމަވެސް އެކަމުން ދީބާޖާއަށް ވެފައިވާ ގެއްލުމުގެ ބަދަލު ދޭންޖެހޭ ކަމަށް ހުކުމްގައިވެއެވެ. ދީބާޖާއިން ސިވިލް ކޯޓުގައި އެދިފައިވަނީ ސީދާ ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށާއި، ބަދަލުގެ ގޮތުގައި 348.9 މިލިއަން ދިނުމަށް ހުކުމްކޮށްފައި ވަނީ، މުސްތަގުބަލުގައި ލިބެން އޮތް ގެއްލުން ހިމަނައިގެން ކަމަށްވެސް ހުކުމުގައިވެއެވެ. އެހެންކަމުން ބަދަލުގެ ގޮތުގައި ދީބާޖާއަށް 348.9 މިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ހުކުމް ބާތިލު ކަމަށްވެސް ހުކުމުގައިވެއެވެ.

މި މައްސަލައިގައި ހިމެނޭ ސީދާ ގެއްލުމުގެ ބަދަލުގެ ބައި އަލުން ބަލައި، ގެއްލުމުގެ ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، މި މައްސަލައިގައި ހިމެނޭ ގެއްލުމުގެ ބަދަލުގެ ބައިގައި ގޮތެއް ނިންމުމަށް، މި މައްސަލަ ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި، މައްސަލަ ހައިކޯޓަށް ތަހުވީލުކުރުމަށް ހުކުމް ކުރާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމް ނިންމާލަމުން ފަނޑިޔާރު ވިދާޅުވިއެވެ.