އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި އިންދާފައި ހުރި ގަސްތައް، ނަގާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެ އަމުރު ނެރެއެއް ނުދިނެވެ.
ތާރު އަޅައިގެން އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ ދެފަރާތުގައި ހުރި އޮފިއެލޭ ގަސްތައް ނަގާތީ ނަޝީދުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ޝުނާނާ އެންޑްކޯ އެލްއެލްޕީންނެވެ.
މައްސަލަ ހުށަހެޅުއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އާއި، މަގު ހެދުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ދެކޮޅަށެވެ.
އެ މައްސަލައިގައި ނަޝީދުގެ ފަރާތުން ވިދާޅުވެފައި ވަނީ ތިމާވެށި ހިމާޔަތްކުރުމާއި ރަނގަޅު ތިމާވެށީގެ ވެއްޓެއް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަކީ ދިވެހި ސަރުކާރުގެ މުއައްސަސާތަކުގެ މައްޗަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.
އަމީނީ މަގުގެ މަސައްކަތްކުރުމަށް ގަސްތައް ނުނަގައި ނުވާނެ ކަމަށް ދައުވާ ލިބޭ ފަރާތުން ބުންޏަސް، ގަސްތައް ނުނަގައި މަސައްކަތް ކުރިއަށް ގެންދެވޭތޯ ދައުވާ ލިބޭ ފަރާތްތަކުން ބަލާފައިނުވާ ކަމަށް ނަޝީދުގެ ފަރާތުން ވަނީ ފާހަގަކުރައްވައިފައެވެ. އަދި ވިދާޅުވެފައި ވަނީ އެ ގަސްތައް ކެނޑުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުނަށާއި ތިމާވެއްޓަށް ލިބޭނެ ގެއްލުންތައް ވެސް ދައުވާ ލިބޭ ފަރާތްތަކުން ބަލާފައި ނުވާ ކަމަށެވެ.
އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގައި ތާރުގެ ބަދަލުގައި ގާ އެޅުމަށް ލަފާދީފައިވަނީ އެ މަގުގައި ހުރި ގަސްތައް ހިމާޔަތްކުރަން ކަމަށް ދައުވާގައި ނަޝީދު ވަނީ ވިދާޅުވެފައެވެ. އަމީނީ މަގުގައި ހުރި ބިޔަބޮޑުތި ގަސްތައް ނެގުމުގެ ސަބަބުން އެ މަގުގައި އިތުރަށް ފެންބޮޑުވާނެ ކަމަށާއި އަދި އެކަމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހަތައް ގެއްލުންވާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ބަޔާންކޮށްފައިވާކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
މަގުގެ މަސައްކަތަށް ނަގަމުންދާ ގަސްތަކުގެ ބަދަލުގައި އާ ގަސްތައްް އިންދި ނަމަވެސް، އެ ގަސްތައް ހެދިބޮޑުވުމަށް ގިނަ އަހަރުތަކެއްވާނެ ކަމަށްވުމުން މިހާރު ހުރި ގަސްތަކުގެ ސަބަބުން ތިމާވެއްޓަށާއި މީހުންނަށް ވަމުންދާ ފައިދާ އަވަސް މުސްތަގުބަލެއްގައި ނުވާނެ ކަމަށް އީއައޭގައި ބަޔާންކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން އިންޑިއާއިން ބައެއް ވައްތަރުގެ ގަސް އިމްޕޯޓުކުރުމަށް ނިންމާފައިވާ އިރު، އެކަމުގެ ސަބަބުން އާ ސްޕީޝީސްއެއް ފެތުރި، މުޅި އިކޯސިސްޓަމް ހަލާކުވުމުގެ ފުރުސަތު އެބައޮތް ކަމަށް އީއައިއޭގައި ބަޔާންކޮށްފައިވާކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
އެހެންކަމުން އަމީނީ މަގުން ގަސް ނެގުމުގެ މަސައްކަތް ކުރަމުންދަނީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނު، ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު" އާއި ގާނޫނު އަސާސީގެ 23 ވަނަ މާއްދާ (ދިރިއުޅޭނެ ސާފު އަދި ސިއްހަތު ރަނގަޅު މާހައުލެއް ރައްޔިތުންނަށް ހޯދާނެ މަގު ތަނަވަސްކުރުމަކީ ދައުލަތުގެ ޒިންމާއެއްކަން ބަޔާންކޮށްފައިވާ މާއްދާ އަދި ރައްޔިތުން ކްލައިމެޓް އެމެޖެންސީ ޑިކްލަރޭޝަން ގާނޫނާއި ޕެރިސް އެގްރީމެންޓާ ހިލާފަށް ކުރިއަށްގެންދާ މަޝްރޫއަކަށްވުމުން އެކަން ހުއްޓުވައިދިނުމަށް އެދޭ ކަމަށް ނަޝީދުގެ ދައުވާގައި ވިދާޅުވިއެވެ.
މިއާއެކު މި ދައުވާގެ މައުލޫއަށް ގޮތެއް ކަނޑައެޅުމުގެ ކުރިން، އަމީނީ މަގުގައި ހައްދާފައިވާ ގަސްތައް އުފުރުން ހުއްޓުވައި، ދައުވާގެ މުއާލާތް ކެނޑޭނެ އެއްވެސްކަމެއް ނުކުރުމަށް ނޭޝަނަލް ޕްލޭނިންގ މިނިސްޓްރީ އާއި އާރުޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ރައީސް ނަޝީދު ހުށަހެޅުއްވިއެވެ.
ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ ވަގުތީ އަމުރު ނެރެދެއްވުމަށް އެދިވަޑައިގެންފައިވާ މައްސަލައަށެވެ. އެ އަމުރު ނެރެދެވެން ނެތް ކަމަށް ބުނެ ކޯޓުން ކުރި ހުކުމުގައި ތިން ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
އޭގެ ތެރޭގައި އަމުރަށް އެދޭ ފަރާތަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމުވެފައިނުވާ ކަމާއި ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުލޫއީ ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ އިއާދަ ނުކުރެވޭނެ ފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހޭކަން އެނގެން ނެތް ކަމާއި ވަގުތީ އަމުރަށް އެދޭ ފަރާތަކީ މި އަމުރަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ގާނޫނީ ގޮތުން ލިބިގެންވާ ފަރާތެއް ކަމަށް ބެލެވެން ނެތުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު