ހއ. ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ތުރާކުނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ރައްޔިތުން މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ތުރާކުނު ކައުންސިލުންގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތުރާކުނުގައި އަލަށް އިމާރަތްކުރާ މިސްކިތަކަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތް އިމާރަތް ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފައިވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް ހަވާލުކުރީ މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހުއެވެ.

އިސްލާމިކް މިނިސްޓްރީން އެ މަސައްކަތް މައިކްރޯން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 10.6 މިލިއަން ރުފިޔާއަށް 365 ދުވަހުން ނިންމާ ގޮތަށެވެ.