ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަހުރެއިނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ ސައިބާ ސެކިއުރެޓީ އިތުރަށް ހަރުދަނާކުރުމަށް ބަހްރައިންގެ ޓެލޮކޮމިއުނިކޭޝަން ކުންފުނި (ބަޓެލްކޯ) އާއި ދިރާގުން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ބަޓެލްކޯ އަކީ ދިރާގުގެ އެންމެ ބޮޑު ހިއްސާދާރެވެ. އެގޮތުން ދިރާގުގެ 52 ޕަސަންޓް ހިއްސާ އޮންނަނީ ބަޓެލްކޯ ކުންފުނީގައެވެ. ދިރާގުގެ 41.8 ޕަސަންޓް ހިއްސާ ދިވެހި ސަރުކާރުގައި އޮންނައިރު, ބާކީ 6.2 ހިއްސާ އޮންނަނީ ރާއްޖޭގެ އާންމު ރައްޔިތުންގެ އަތުގައެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ދިރާގުގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ސޮއިކުރެއްވި އިރު، ބަޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން ޝެއިހު އަބްދުﷲ ބިން ހަލީފާއެވެ.
ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކޮނޮލޮޖީ (އެންސީއައިޓީ) އާއި ދިރާގު ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ އެއްބަސްވުމުގެ ދަށުން އެންސީއައިޓީން ދިވެހިންނަށް ރައްކާތެރި ސައިބާ ސްޕޭސްއެއް ކަށަވަރުކޮށްދިނުމަށް ދިރާގާއި ބަޓެލްކޯގެ ބިޔޯން ސައިބާގެ ތަޖުރިބާކާރު ވަސީލަތްތައް މެދުވެރިކޮށް ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން ބަޓެލްކޯއިން ރާއްޖެއަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ހިދުމަތްތަކުގެ ތެރޭގައި އެޑްވައިޒަރީ އަދި ކަންސަލްޓެންސީ، ސެކިއުރެޓީ އިންޖީނިއަރިން، ސައިބާ ޑިފެންސް، ސެކިއުރެޓީ އެޝިއަރެންސް، ސައިބާ ތްރެޓް އަދި ތްރެޓް ހަންޓިންގެ އިތުރުން އިންސިޑެންޓް ރެސްޕޮންސް ހިމެނޭ ބަޔާނުގައި ބުންޏެވެ.
ބަޓެލްކޯގެ ޗެއާމަން ޝެއިހު އަބްދުﷲ ބިން ހަލީފާ ވަނީ، މުވާސަލާތީ ދާއިރާއިން ބަޓެލްކޯގެ ބައިނަލްއަގުވާމީ އޮޕަރޭޝަންކަމަށްވާ ދިރާގު މެދުވެރިކޮށް ކުރާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ.
އޭނާ ވިދާޅުވީ ބަޓެލްކޯއިން އެންމެ ފަހުން ތައާރަފުކުރި ޑިޖިޓަލް ކުންފުނި ބިޔޯން ސައިބާ އާއި ދިރާގު ގުޅިގެން ރާއްޖޭގެ ސައިބާ ސެކިއުރިޓީ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހި ސަރުކާރާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމަކީ ފަހުރެއް ކަމަށެވެ.
ދިރާގުގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު އެ ރަސްމިއްޔާތުގައި ވިދާޅުވީ، އެމްއޯޔޫގެ ޒަރިއްޔާއިން އެންއައިސީއައިޓީއާ އެކު އިލްމާއި ތަޖުރިބާ ހިއްސާކުރެވި ސަރުކާރާއި ވިޔަފާރިވެރިންނާއި ހުރިހާ ރައްޔިތުންނަށް ވެސް ފައިދާކުރާނެ ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ބަޙްރައިންގެ ފޮރިން މިނިސްޓަރު އަބުދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ބަހްރެއިން ބޯސްގައި ހިމެނޭ ބަޓެލްކޯ އަކީ ކުރިއަރާފައިވާ ޑިޖިޓަލް ކޮމިއުނިކޭޝަން ސޮލިއުޝަން ފޯރުކޮށްދޭ ކުންފުންޏެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު