އިންތިގާލީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން 17 ޑިސެމްބަރު 2020 ގައި އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހުގެ މުއްދަތަކީ ދެ އަހަރެވެ. އެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހަށް ހަމަވާނެއެވެ.
ގާނޫނު ބުނާ ގޮތުން އިންތިގާލީ އިންސާފުގެ އޮފީހުން ކޮށްފައިވާ މަަސައްކަތްތައް ނިންމަން ދީފައި އޮތް މުއްދަތު ހަމަވުމުން އެ މުއްދަތު އިތުރުކުރުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، އިންތިގާލީ އޮފީހުގެ މުއްދަތު އިތުރުކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ.
"އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބޮޑްސްޕާސަންގެ އޮފީހުގެ މުއްދަތު އިތުރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި. ނަމަވެސް އެއީ ކިހާ ހިސާބަކަށް ކަމެއް ފަހުން އިއުލާނުކުރާނެ،" އިތުރު ތަފުސީލެއް ނުދެއްވައި މިއުވާން ވިދާޅުވިއެވެ.
އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދުނު ތާރީހު ކަމުގައިވާ، 1 ޖެނުއަރީ 1953 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދުމަށެވެ.
ފާއިތުވި ދެ އަހަރު އެ އޮފީހަށް 500 މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން 1953 ވަނަ އަހަރު ނިމިގެންދިޔަ ގޮތް ހޯދައި، އެ މަނިކުފާނުގެ މައްޗަށް ޚާއިނެއް ކަމަށް ބުނެ އިއްވާފައިވާ ހުކުމް ބާތިލުކުރުމަށްވެސް ހުށަހަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު