އައްޑޫ ސިޓީ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެއެވެ.

މި މަހުގެ ދެވަނަ ދުވަހު ދެ ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައި މަރުވީ ހިތަދޫ/ ދުންނިކަގެ، އުމުރުން 62 އަހަރުގެ އިބްރާހިމް ހުސައިންއެވެ.

އިބްރާހިމްގެ އާއިލާއާ ގާތް މީހަކު "ވަން" އަށް ބުނީ، އެ އެކްސިޑެންޓުގައި އިބްރާހިމްގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅުނު ކަމަށެވެ.

އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައި ކަމަށާއި ނަމަވެސް ޑޮކްޓަރުން އުއްމީދު ކަނޑާލުމުން އަނބުރާ އިކުއެޓޯރިއަލްއަށް ގެންދިޔަ ކަމަށް އެމީހާ ބުންޏެވެ.